ގުރައިދޫގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 00:57
ގުރައިދޫގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި  އެކު  ސޮއިކުރުން/  ފޮޓޯ:ރައީސް  އޮފީސް
ގުރައިދޫގެ އެއަރޕޯޓް ތަރައްޤީކުރުމަށް އެމްއޭސީއެލްއާއި އެކު ސޮއިކުރުން/ ފޮޓޯ:ރައީސް އޮފީސް
ޚުލާސާ

އެއަރޕޯޓް މަސައްކަތް މާދަމާ ފަށައިގެން 22 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާނެކަމަށް ރައީސް ވިދާޅުވި

ކޮޅުމަޑުލު ގުރައިދޫގައި ޤާއިމްކުރާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ރަސްމީކޮށް ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ގުރައިދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު، މޫސާ ޒަމީރު އެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގުރައިދޫގައި މިހާރު ކުރިއަށްދާ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މަޝްރޫއަކީ މި އެއަރޕޯޓުގެ މަސައްކަތްކަމަށާއި، މި މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ.

"މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މިއަދު މި ހަވާލުކުރެވުނު އެއަރޕޯޓުގެ މަޝްރޫއުގެ މަސައްކަތް މާދަމާ ފަށައިގެން 22 މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ނިންމާ ހަވާލުކުރާނަން،" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ ގުރައިދޫގައި މިހާރު ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ އެހެން މަޝްރޫއުތަކުގެ އެންމެ ފަހުގެ އަދާހަމަތައްވެސް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. ގުރައިދޫގައި އެއަރޕޯޓެއް ޤާއިމްކުރުމަކީ އެރަށުގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ގެނެސް، ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކޮށްދޭނެ މުހިންމު މަޝްރޫއެއްކަމަށް ސަރުކާރުން ފާހަގަކުރި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%