ހެކަރުން، މީހުންގެ އެކައުންޓްތަކުގައި ހުންނަ މަޢުލޫމާތުތައް ވަގަށް ނަގާތީ ގޫގްލް ކްރޯމް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެ ބްރައުޒާ އަޕްޑޭޓް ކުރުމަށް ގޫގްލް ކްރޯމް އިން އިންޒާރު ދީފިއެވެ. ގޫގްލް ކްރޯމުން ބުނީ ހެކަރުން ވަނީ އެ އެޕްލިކޭޝަނުގައިވާ ލޫޕްހޯލްސްތައް ދެނެގަނެ އެޓޭކްތައް ދޭން މަސައްކަތް ފަށާފައެވެ.
ގޫގްލް ކްރޯމުން ބުނީ ސެކިއުރިޓީ ބަލިކަށި ކަމެއްގެ ގޮތުގައި CVE-2023-4578 ފާހަގަކުރެވިފައިވާ ކަމަށެވެ.
ސެކިއުރިޓީ ރިސާޗަރުންނަށް ނުވަތަ ގޫގުލްގެ އިންޖިނިއަރުންނަށް މި ކަން ފާހަގަ ކުރެވުމާއި އެކު އެ ކުންފުނިން ވަނީ އަޕްޑޭޓްތައް ނެރެފައެވެ.
ޔޫޒަރުންގެ އެކައުންޓުތައް ރައްކާތެރިކުރުމަށް އެންމެ ފަހުގެ ވާޝަން ބޭނުންކުރޭ!
ގޫގުލް ކްރޯމްގެ އެންމެ ފަހުގެ އަދި ރެކޮމެންޑް ކުރެވިފައިވާ ވަރޝަނަކީ ވިންޑޯޒް އަދި މެކްއޯއެސް އަށް 140.0.7339.207/.208 އަދި ލިނަކްސް އަށް 140.0.7339.207 އެވެ. މިއީ އިއްޔެ ނެރުނު އަޕްޑޭޓެކެވެ. މި އަޕްޑޭޓްގައި ވީ8 ޖާވާސްކްރިޕްޓް އިންޖީނުގައި ހުންނަ އެތައް ކަމެއް ރަނގަޅުކޮށްދޭ މުހިންމު ސެކިއުރިޓީ ޕެޗްތައް ހިމަނާފައިވެއެވެ. މިއީ ކުރިމަތިވެދާނެ ހަމަލާތަކާއި ޑޭޓާ ވަގަށް ނެގުމުން ރައްކާތެރިވުމަށް އެހީތެރިވެދޭ އަޕްޑޭޓެކެވެ.
އެކައުންޓްތައް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކައި، ކްރޯމްއިން އޮޓޮމެޓިކުން ބެކްގްރައުންޑްގައި އަޕްޑޭޓް ކޮށްލާނެއެވެ. އެކަމަކު މެނުއަލްކޮށް ބަލާލާނަމަ ކަންތައް ކުރާނެ ގޮތަކީ :
Menu → Help → About Google Chrome
އެއަށްފަހު އަޕްޑޭޓްކުރުމަށް ދައްކާނަމަ ރީލޯންޗް (Relaunch) އަށް ކްލިކްކޮށްލާށެވެ.
މި ގޮތަށް ކަންތައް ކުރުމުން ބްރައުޒާ ރައްކާތެރިވެ، އެކައުންޓްތަކަށް ނުރައްކާ ކުޑަވެގެންދެއެވެ.
އިތުރު އަޕްޑޭޓްތައް ކުރިޔަށް އޮތްތާނގައި ނެރޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.