ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ހަފްލާ މިރޭ! އިންސާފުވެރިވާނެތަ؟

އައިޝަތު އީމާން | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 14:59
ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެއް ޓްރޮފީ ކަމަށްވާ ބެލޮންޑިއޯ.
ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އެއް ޓްރޮފީ ކަމަށްވާ ބެލޮންޑިއޯ.
ޚުލާސާ

މި ހަފްލާގެ އިންސާފުވެރިކަމާމެދު ޝައްކު އުފެދިފައިމިވަނީ ނިމިދިޔަ އަހަރު ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް މި އެވޯޑު ދީފައިވާތީ.

މިރެޔަކީ މުޅި ފުޓްބޯޅަ އާއިލާ އެކަމަކަށްޓަކައި ވަގުތު ހުސްކޮށްލާނެ ރެޔެކެވެ. އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ބެލޮންޑިއޯ ހަފްލާ އެ އާއިލާއިން ލޯ އަޅަމުން ދަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކީއްވެ ހެއްޔެވެ؟.

ނިމިދިޔަ އަހަރަކީ ގިނަ ބަޔަކު މި ހަފްލާގައި އެންމެ ޝަރަފުވެރި ޓްރޮފީ ދިން ގޮތާމެދު ނުރުހުން ފާޅުކުރި އަހަރެކެވެ. ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މެންޗެސްޓަރ ސިޓީގެ މެދުތެރެއަށް ކުޅޭ ރޮޑްރީ އަށް މި އެވޯޑު ލިބުނީ ނުހައްގުންނެވެ. އަދި ރިއަލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ތަރި ވިނީޝިއަސް ޖޫނިއާ ނޫން އެހެން ކުޅުންތެރިއަކަށް މި އެވޯޑު ނުލިބޭނެ ކަމަށް އެ ރަސްމިއްޔާތުގެ ވަގުތާ ޖެހެންދެން ގިނަ ބަޔަކު ގަބޫލުކުރިއެވެ. އަދި ހާއްސަކޮށް އޭނާ ކުޅޭ ކުލަބު ރިއަލް މެޑްރިޑުން ވެސް ތިބީ އެގޮތަށް ނިންމައިގެންނެވެ. ނަމަވެސް ވިނީޝިއަސް އަށް ނުލިބޭނެކަން އެނގުމާއެކު އެ ކުލަބުން ވަނީ އެ އެވޯޑަށް ޕޮއިންޓް ދީފައި ހުރިގޮތް އިންސާފު ނޫންކަމަށް ބުނެ އެ ރަސްމިއްޔާތު ބޮއިކޮޓް ކޮށްފައެވެ.

ރޮޑްރީގެ ފަރާތުން ވެސް އެ ސީޒަނުގައި ފެނުނީ މޮޅު ކުޅުމެކެވެ. އޭނާ ފަދަ މެދުތެރެއަށް ކުޅުނު ދެވަނަ ކުޅުންތެރިއެއް އެ ސީޒަނުގައި ނެތެވެ. ނަމަވެސް އިންސާފަށް ވާހަކަ ދައްކަމާ ހިނގާށެވެ. ވިނީޝިއަސް އަށް މި ޝަރަފުވެރި ޓްރޮފީ ލިބެންޖެހޭ ބައިވަރު ސަބަބުތަކެއް އެބަހުއްޓެވެ.

އިނގިރޭސީ ޕްރިމިއަރ ލީގު މެންޗެސްޓަރ ސިޓީއަށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރު ހޯދުމުގައި ރޮޑްރީގެ ހިއްސާ ބޮޑުއިރު 2024 ވަނަ އަހަރު ބޭއްވުނު ޔޫރޯ ވެސް ކާމިޔާބުކުރީ އޭނާ ނިސްބަތްވާ ގައުމު ކަމަށްވާ ސްޕެއިނެވެ. އަދި މެންޗެސްޓަރ ސިޓީ އިން އެ އަހަރުގައި ފީފާ ކުލަބް ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައިވެއެވެ. ވިނީޝިއަސް އަށް ބަލާއިރު، އޭނާ ވަނީ ރިއަލް މެޑްރިޑާއެކު ސްޕެނިޝް ލަލީގާ، ޔޫއެފާ ޗެމްޕިއަންސް ލީގު، ޔޫއެފާ ސުޕަރ ކަޕު އަދި ސްޕެނިޝް ސުޕަރ ކަޕު ކާމިޔާބުކޮށްފައެވެ.

2024 ވަނަ އަހަރުގެ ބެލޮންޑިއޯ ވިނީޝިއަސް އަށް ލިބެންޖެހޭ މައިގަނޑު ސަބަބުތަކަކީ އެ އަހަރުގެ ޗެމްޕިއަންސް ލީގު މެޑްރިޑަށް ކާމިޔާބުކޮށްދިނުމަށް އޭނާގެ ބޮޑު ދައުރެއް އެކުލެވިގެންވުމެވެ. މެޑްރިޑަށް އެ ސީޒަނުގައި ލިބުނު ކާމިޔާބީގެ މައި ހިއްސާދާރަކީ އޭނާ ކަމަށްވުމެވެ. އިންޑިވިޖުއަލް ޕާފޮމެންސަށް ބަލާއިރު މެޑްރިޑަށް މުހިންމު ގިނަ ގޯލުތަކާއި އެސިސްޓުތަކެއް އޭނާ ފަރާތުން ފެނިފައިވާތީއެވެ. މުހިންމު ބޮޑެތި މެޗުތަކުގައި ޓީމަށް ފައިދާހުރި ކުޅުމެއް ކުޅެ ގޯލުތަކެއް ޖަހާފައިވާތީއެވެ. އެ ކުލަބު އެޓޭކިންގައި އިސް ދައުރެއް އަދާކޮށްފައިވަނީ އޭނާ ކަމަށްވާތީއެވެ. ރޮޑްރީގެ އަކީ ސިޓީގައި އެސީޒަނުގެ އެންމެ ރަނގަޅު އަދި އިތުބާރު ހުރި ކުޅުންތެރިޔާ ކަމަށްވި ނަމަވެސް ވިނީޝިއަސް ވެފައިވަނީ މެޑްރިޑަށް ލިބުނު ކާމިޔާބީގެ ބޮޑު އެސެޓެކަށެވެ. މި ސަބަބުތަކާ ހެދި ގިނަ ބަޔަކު ސިފަކުރީ މިދިޔަ އަހަރުގެ ބެލޮންޑިއޯ އަކީ ވަރަށް ބޮޑެތި ނުފޫޒުތަކެއް ވަދެ ބޭއިންސާފުން ރޮޑްރީ އަށް ދިން ބެލޮންޑިއޯއެއް ގޮތުގައެވެ.

އެއީ މާޒީއެވެ. މި ދެންނެވި ދެ ކުޅުންތެރިންނަކީ ވެސް ނިމިދިޔަ ސީޒަނުގައި "ފްލޮޕް" އެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ބެލޮންޑިއޯ އަށް އިތުބާރު ގެންނަން ފްރާންސުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގިނަ މަސައްކަތްތަކެއް މިފަހަރު އަދި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް މަސައްކަތް ކުރަން ޖެހެއެވެ.

ފުރާންސުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފީސް - ފޮޓޯ: ގެޓީ އިމޭޖަސް

ފިރިހެން މޮޅު ކުޅުންތެރިޔާ

ބެލޮންޑިއޯގެ ހަފްލާގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު ޝަރަފުވެރި އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ދެ ނަމެއް އެބައޮތެވެ. އެއީ ބާސެލޯނާ/ސްޕެއިންގެ ލަމިން ޔަމާލާއި ޕީއެސްޖީ/ފްރާންސުގެ އޮސްމާން ޑެމެބެލޭ އެވެ. ދެން މި އެވޯޑާ އެންމެ ކައިރިކުރަނީ ޕީއެސްޖީ/ޕޯޗުގަލްގެ ވިޓީނިއާގެ އިތުރުން ލިވަޕޫލް/އިޖިޕްޓްގެ ތަރި މުހައްމަދު ސަލާހާއި ބާސެލޯނާ/ބްރެޒިލްގެ ރަފީނިއާއެވެ.

ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ދެ ކުޅުންތެރިންނަށް ނަޒަރު ހިންގާލަމާށެވެ.

ލަމިން ޔަމާލް (18) އަހަރު

  1. ޔޫރޯ 17 އަހަރުން ދަށުގެ ގޯލް ސްކޯރަރ (4 ގޯލު)
  2. ސީޒަނުގެ މޮޅު ކުޅުންތެރިޔާ (ސްޕެއިން)
  3. ޔޫރޯ ޗެމްޕިއަން (2024)
  4. ލަލީގާ ޗެމްޕިއަން
  5. ސްޕެނިޝް ކަޕް ޗެމްޕިއަން
  6. ސްޕެނިޝް ސުޕަރ ކަޕް ޗެމްޕިއަން
  7. ގޯލުގެ އަދަދު (21)
  8. އެސިސްޓުގެ އަދަދު (22)

އޮސްމާން ޑެމްބެލޭ (28 އަހަރު)

  1. ސީޒަނުގެ މޮޅު ކުޅުންތެރިޔާ (ފްރާންސް)
  2. ފްރާންސް ލީގުގެ މޮޅު ކުޅުންތެރިޔާ
  3. ޗެމްޕިއަންސް ލީގު ޗެމްޕިއަން
  4. ފްރާންސް ލީގުގެ ޗެމްޕިއަން
  5. ޔޫއެފާ ސުޕަރ ކަޕުގެ ޗެމްޕިއަން
  6. ފްރެންޗް ކަޕުގެ ޗެމްޕިއަން
  7. ފްރެންޗް ސުޕަރ ކަޕުގެ ޗެމްޕިއަން
  8. ގޯލުގެ އަދަދު (37)
  9. އެސިސްޓުގެ އަދަދު (14)


އަންހެން މޮޅު ކުޅުންތެރިޔާ

އައިޓާނާ ބޮންމަޓީ (ސްޕެއިން/ބާސެލޯނާ)، 27 އަހަރު

އެންމެ ފަހުގެ ދެފަހަރު ބެލޮންޑިއޯ ހޯދި ބޮންމަޓީއަށް މިފަހަރު އެ ޝަރަފު ހޯދަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ނަމަވެސް ބާސެލޯނާއިން ޓްރެބަލް ކާމިޔާބުކުރި މި ސީޒަނުގައި އޭނާ ވަނީ ހުނަރު ދައްކާލާފައެވެ. ނަމަވެސް ކުރީގެ އަހަރުތަކާ އަޅާބަލާއިރު ގޯލު އަދި އެސިސްޓުގައި އޭނާ އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. މިއަހަރު އޮތް ޔޫރޯގެ މުބާރާތަށްފަހު އޭނާ ވަނީ އަނިޔާގައި ދުވަސްތަކެއް ހޭދަކޮށްފައެވެ. ޔޫރޯގައި ސްޕެއިން ފައިނަލަށް ގެންދިޔުމުގެ މުހިންމު ދައުރެއް އޭނާ ވަނީ އަދާކޮށްފައެވެ.

ކާމިޔާބީތައް

  1. ސްޕެނިޝް ލީގުގެ ޗެމްޕިއަން
  2. ސްޕެނިޝް ކަޕުގެ ޗެމްޕިއަން
  3. ސްޕެނިޝް ސުޕަރ ކަޕުގެ ޗެމްޕިއަން
  4. ޔޫއެފާ ޗެމްޕިއަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު
  5. ޔޫއެފާ ޔޫރޯގެ މޮޅު ކުޅުންތެރިޔާގެ މަގާމު
  6. ގޯލުގެ އަދަދު (20)
  7. އެސިސްޓުގެ އަދަދު (16)

އައިޓާނާ ބޮންމަޓީ އަދި އެލެކްސިއާ ޕުޓޭލަސް - ފޮޓޯ: ގެޓީ އިމޭޖަސް

އެލެކްސީއާ ޕުޓޭލަސް (ސްޕެއިން/ބާސެލޯނާ)، 31 އަހަރު

2021 އަދި 2022 ވަނަ އަހަރު ގޯލްޑެން ބޯލް ކާމިޔާބުކުރި ޕުޓޭލަސް އަށް ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އޭނާ ވަނީ ފޯމަށް އެނބުރި އައިސް ބާސެލޯނާއަށް ޓްރެބަލް ކާމިޔާބުކުރުމުގެ އިސް ރޯލެއް އަދާކޮށްފައެވެ. ނަމަވެސް ޔޫރޯގައި ސްޕެއިން ޓީމުން މާ ބޮޑު ތަފާތު ކުޅުމެއް އޭނާގެ ފަރާތުން ފެނިފައެއް ނުވި ނަމަވެސް ގޯލު ލިސްޓުގެ ދެވަނަ އިން އޭނާ ވަނީ ޖާގަ ހޯދާފައެވެ. މުޅި ސީޒަންގައި އޭނާ ދެއްކި ކުޅުމަށް ބަލާއިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޕުޓެލަސް އަކީ ބެލޮންޑިއޯ ހައްގު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ އަށް އެ ފުރުސަތު ލިބޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކާމިޔާބީތައް

  1. ސްޕެނިޝް ލީގުގެ ޗެމްޕިއަން
  2. ސްޕެނިޝް ކަޕުގެ ޗެމްޕިއަން
  3. ސްޕެނިޝް ސުޕަރ ކަޕުގެ ޗެމްޕިއަން
  4. ސްޕެނިޝް ސުޕަރ ކަޕުގެ ޗެމްޕިއަން
  5. ގޯލުގެ އަދަދު (29)
  6. އެސިސްޓުގެ އަދަދު (20)


މަރިއޯނާ ކަލްޑެންޓޭ (ސްޕެއިން/އާސެނަލް)، 29 އަހަރު

މިއީ ކަލްޑެންޓޭގެ ފަހަރެއް ކަމުގައި ވެދާނެއެވެ. ޔޫރޯ ކާމިޔާބު ނުކުރެވުނަސް ފައިނަލުގައި އިންގްލެންޑު ކޮޅަށް ކާމިޔާބުކުރި ގޯލަކީ އޭނަ ވަރަށް ބޮޑަށް ވިދާލި ގޯލެކެވެ. ނިމިދިޔަ ސީޒަނުގައި އާސެނަލަށް އެންމެ މޮޅު ކުޅުން ދެއްކި ކަލްޑެންޓޭއަކީ އެ ކުލަބަށް ޗެމްޕިއަސް ލީގު ކާމިޔާބުކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރި ކުޅުންތެރިޔާއެވެ. ފާއިތުވި އަހަރުތަކުގައި ވެސް މޮޅު ކުޅުމެއް ކަލްޑަންޓޭގެ ފަރާތުން ފެނުނު ނަމަވެސް އޭނާ ފާހަގަކުރެވިފައިވަނީ އަންޑަރޭޓެޑް ކުޅުންތެރިއެއް ގޮތުގައެވެ. މިފަހަރު ބެލޮންޑިއޯ އޭނާއަށް ކާމިޔާބުކުރެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކާމިޔާބީތައް

  1. ޔޫއެފާ ޗެމްޕިއަނސް ލީގު
  2. ޕީއެފްއޭ އަހަރުގެ މޮޅު ކުޅުންތެރިޔާ މަގާމު
  3. ގޯލުގެ އަދަދު (23)
  4. އެސިސްޓުގެ އަދަދު (19)

މަރިއޯނާ ކަލްޑެންޓޭ - ފޮޓޯ: ބީބީސީ ސްޕޯޓްސް

ކޮޕާ ޓްރޮފީ (އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ - ފިރިހެން)

މި ޝަރަފު ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ބާސެލޯނާ އަދި ސްޕެއިނަށް ކުޅޭ ލަމިން ޔަމާލަށެވެ. 18 އަހަރުގައި އޭނާ ކުޅޭ މޮޅު ކުޅުމުގެ ސަބަބުން އޭނާ ވަނީ ބެލޮންޑިއޯ އަށް ވެސް ނޮމިނޭޓް ވެފައެވެ. ހަބަރުތައް ބުނާ ގޮތުން އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމުގެ އެއްވަނަ ނުވަތަ ދެވަނަ އޭނާ އަށް ލިބޭނެ އެވެ.

ކޮޕާ ޓްރޮފިގެ ރޭންކިންގއަށް ބަލާއިރު ދެން އެންމެ ގާތް ކުރާ ކުޅުންތެރިންނަކީ ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ 20 އަހަރުގެ ޑެސިއަރޭ ޑުއޯ އާއި ހަމަ އެކުލަބަށް ކުޅޭ ޕޯޗުގަލްގެ 20 އަހަރުގެ ޖޯ ނެވެސް އެވެ. މި ދެކުޅުންތެރިންވެސް ވަނީ ގިނަ އަދަދެއްގެ ކާމިޔާބީތައް ނިމިދިޔަ ސީޒަނުގައި ހޯދާފައެވެ.

ޑެސިއަރޭ ޑުއޯ އަދި ޖޯ ނެވެސް

ކޮޕާ ޓްރޮފީ (އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ - އަންހެން)

މި އެވޯޑާ އެންމެ ގާތްކަމަށް ބެލެވެނީ ބްރައިޓަން އަށް ކުޅޭ އިންގްލެންޑުގެ މިޝޭލް އަގްޔަމެންގެވެ. އުމުރުން 19 އަހަރުގެ ފޯވާޑު ވަނީ ޔޫރޯ 2025 ގައި މޮޅު ކުޅުމެއް ދައްކައި ޒުވާން މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އޭނާ ވަނީ މުހިންމު ގޯލުތަކެއް އެ މުބާރާތުގައި ޖަހައިދީފައެވެ.

މިޝޭލް އަގްޔަމެންގް - ފޮޓޯ: ގެޓީ އިމޭޖަސް

މި މަގާމަށް ދެން ވާދަކުރާނެ ކުޅުންތެރިންގެ ގޮތުގައި ބެލެވެނީ ރިއަލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ 20 އަހަރުގެ ފޯވާޑު ލިންޑާ ލިޒެތުގެ އިތުރުން ޗެލްސީ އަދި ނެދަލެންޑުގެ މެދުތެރެއަށް ކުޅޭ ވިއޭކޭ ކެޕްޓެނެވެ.


ޔަޝިން ޓްރޮފީ (ގޯލް ކީޕަރ)

އެންމެ ފަހު ދެ ފަހަރުވެސް މި މަގާމް ހޯދި އެސްޓަން ވިލާ އަދި އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ވަނީ މިއަހަރު ވެސް މި އެވޯޑަށް ނޮމިނޭޓް ވެފައެވެ. މި އަހަރުވެސް މި މަގާމް އޭނާއަށް ލިބިދާނެ ކަމަށް މާހިރުން ލަފާކުރާއިރު އޭނާއާ ވާދަކުރަން ތިބި ގޯލްކީޕަރުން ވަކި ދެރައެއް ނޫނެވެ. ގިނަ އަދަދެއްގެ ކާމިޔާބު ނިމިދިޔަ ސީޒަނުގައި ޕީއެސްޖީއާއެކު ހޯދާފައިވާ ޑޮނަރޫމާއަށް ވެސް މި އެވޯޑު ލިބުމުގެ ފުރުސަތު އެބައޮތެވެ. މި އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ބްރެޒިލް/ލިވަޕޫލް ގެ އެލިސަން، ރިއަލް މެޑްރިޑް/ބެލްޖިއަމް ގެ ކޯޓުއާ އަދި އަލް-ހިލާލް/މޮރޮކޯ ގެ ޔަސީނޭ ބޯނޫ ވެސް ހިމެނެއެވެ.

ޔަޝިން ޓްރޮފީއަށް އަންހެން ގޯލް ކީޕަރުންގެ ގޮތުގައި ނޮމިނޭޓް ވެފައިވަނީ:

  1. އަން-ކަޓްރިން ބާގާ – ގޮތަމް އެފްސީ/ޖާމަނީ
  2. ކާޓާ ކޯލް – ބާސެލޯނާ/ސްޕެއިން
  3. ހަނާ ހޭމްޕްޓަން – ޗެލްސީ/އިންގްލެންޑް
  4. ޗިއާމަކާ ނަޑޯޒީ – ޕީއެސްޖީ/ބްރައިޓަން/ނައިޖީރިއާ
  5. ޑަފްނޭ ވޭން ޑޮމްސެލާރ – އާސެނަލް/ނެދަލެންޑް


ގާޑް މުލާ ޓްރޮފީ (އެންމެ ގިނަ ގޯލު)

ގާޑް މުލާ އެވޯޑަކީ ކުލަޞާއި ގައުމު ހިމެނޭ ގޮތަށް އަހަރެއްގެ ތެރޭ ނުވަތަ "ކަލެންޑަރ އިޔާ" އެއްގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާއަށް ދޭ އެވޯޑެވެ.

މި އެވޯޑު ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ރިއަލް މެޑްރިޑް/ފްރާންސްގެ ފޯވާޑު ކިލިއަން އެމްބާޕޭ އެވެ. ލަލީގައި އެކަނި ވެސް އޭނާ ވަނީ 31 ގޯލު މެޑްރިޑަށް ޖަހާދީފައެވެ. މި ޓްރޮފީއަށް ދެން ވާދަކުރަނީ ބެޔާން މިއުނިކް/އިންގްލެންޑުގެ ފޯވާޑު ހެރީ ކޭންއާއި މެސްޗެސްޓަރ ސިޓީ/ނޯވޭ ގެ ފޯވާޑް އާލިންގ ހާލަންޑެވެ.


ޖޯހަން ކްރައިފް ޓްރޮފީ (އެންމެ މޮޅު ކޯޗު)

މި އެވޯޑާއި އެންމެ ގާތް ކަމަށް ބެލެވެނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އެވެ. ޕީއެސްޖީއާއެކު ހޯދި ގިނަ ކާމިޔާބީގެ އަސްލަކީ ލުއިސް އެންރީކޭ އެވެ. މި އެވޯޑަށް ދެން ވާދަކުރަނީ ނަޕޯލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ، ބާސެލޯނާގެ ހަންސި ފްލިކް، ޗެލްސީގެ އެންޒޯ މަރެސްކާގެ އިތުރުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓެވެ.


ކުލަބް އޮފް ދަ އިޔާ (އެންމެ މޮޅު ކުލަބު)

ޕީއެސްޖީ ނޫން އެހެން ކުލަބަކަށް މި އެވޯޑު ދިނުން އިންސާފެއް ނޫނެވެ. ޑޮމެސްޓިކް ލެވެލްގެ ހަތަރު މުބާރާތް ކަމަށްވާ ފްރާންސް ލީގު، ޔޫއެފާ ސުޕަރ ކަޕު، ފްރެންޗް ކަޕުގެ އިތުރުން ފްރެންޗް ސުޕަރ ކަޕު ވެސް އެ ކުލަބުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަކީވެސް އެ ކުލަބެވެ.

މި އެވޯޑަށް ދެން ވާދަކުރާ ކުލަބުތަކަކީ ބާސެލޯނާ، ބޮޓަފޯގޯ، ޗެލްސީ އަދި ލިވަޕޫލެވެ.

ޗެމްޕިއަންސް ލީގު ތައްޓާއެކު ޕީއެސްޖީ

ސޮކަރެޓެސް އެވޯޑު

2022 ވަނަ އަހަރުން ފަށައިގެން ދޭން ފެށި މި އެވޯޑަކީ ދަނޑުން ބޭރުގައި އިޖްތިމާއީ އަދި އިންސާނިއްޔަތަށް މަސައްކަތްކުރާ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. 2022 ވަނަ އަހަރު މި އެވޯޑު ލިބިފައިވަނީ ސާޑިއޯ މާނޭއަށެވެ. 2023 ވަނަ އަހަރު ވިނީޝިއަސް ޖޫނިއާއަށް ލިބިފައިވާއިރު ނިމިދިޔަ އަހަރު ލިބިފައިވަނީ އަންހެން ކުޅުންތެރިއެއް ކަމަށްވާ ޖެނިފަރ ހާމޯސޯއަށެވެ.

ބްރެޒިލްގެ ލެޖެންޑް ނަމުން މަޝްހޫރުވެފައިވާ މި އެވޯޑުގެ ނޮމިނީސް ފްރާންސުގެ ފެޑެރޭޝަނުން އާންމުކޮށްފައެއް ނުވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%