ނޭޕާލުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރުމާ އޮލީ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޝަރުމާ އޮލީ (އޮލީ) އިސްތިއުފާ ދެއްވީ އެ ޤައުމުގެ ސަރުކާރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވަގުތީ ގޮތުން މަނާކުރުމުން ޒުވާނުން އިސްވެ އޮވެ ކުރިއަށް ގެންދިޔަ އަނިޔާވެރި މުޒާހަރާތަކަކާއި ގުޅިގެންނެވެ.

ނޭޕާލް ސަރުކާރުން ސޯޝަލް މީޑިއާ މަނާކުރީ ރަޖިސްޓްރީ ނުކޮށް ހިންގާތީއެވެ. އަދި ރަޖިސްޓްރީ ކުރުމަށް މުހުލަތު ވެސް ދިނުމަށްފަހުގައެވެ. ސަބަބަކީ ފޭކު އައިޑީތަކުގައި ސާބިތު ނުހިފޭ ވާހަކަތައް ދައްކާތީވެ، މުޖުތަމަޢުގެ އަޚްލާޤް ހިފެހެއްޓުމަށާއި ފިތުނަތަކުން ސަލާމަތްކުރުމުގެ މަޤްޞަދުގައެވެ.

ނޭޕާލް ފުލުހުން ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސްތެރެއަށް ވަދެ އެތަން ޙިޞާރުކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި އެކަން ހުއްޓުވުމަށް މަސައްކަތްކުރި ފުލުހުންނާއި ކުރިމަތިލައި ފުލުހުންނަށް އަނިޔާކޮށްފައެވެ. އެއާއި އެކު ފުލުހުން ވަނީ އުންޑައާއި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.

ނޭޕަލް ސަރުކާރުން ފޭސްބުކާއި އިންސްޓަގްރާމާއި އެކްސް އަދި ޔޫޓިއުބް ހިމެނޭހެން ސޯޝަލް މީޑިއާގެ 26 ޕްލެޓްފޯމެއް މަނާކުރުމާއި ގުޅިގެން އެޤައުމުގެ ޒުވާނުން އިސްކޮށް ތިބެ ހިންގަމުންދާ މުޒާހަރާ ތަކާއި ގުޅިގެން 19 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވިއިރު އެ ޤައުމުގެ ބައެއް ހިސާބުތަކުގައި ވަނީ ކާފިއު އިއުލާންކޮށްފައެވެ.