އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ވަޅިން ބިރުދައްކައިގެން ފޭރުނު 2 މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 12 ގަޑިއިރު ކުރިން - 7 ސެޕްޓެންބަރު 2025 13:18
ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި ހައްޔަރުކުރި 2 މީހުން---
ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި ހައްޔަރުކުރި 2 މީހުން---
ޚުލާސާ

އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މިފަދަ އިތުރު ދެ މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން.

އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ މީހަކަށް ވަޅިން ބިރުދައްކައިގެން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

މި މައްސަލައަކީ، ފޭސްބުކް މެސެންޖާއިން މީހަކާ ވާހަކަދައްކައި އެ މީހާގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ގެންގޮސް، ވަޅިން ބިރުދައްކައި، އެ މީހާގެ އެކައުންޓުން ފައިސާ ނަގައި، އޮރިޔާންކޮށް އަދި ވީޑިއޯކޮށް އިތުރު ފައިސާ ހޯދުމަށް ޑިމާންޑުކުރާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައެކެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހުން ކަމަށްވާ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުއްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، އަލީ ހައިސަލް (37އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓަކުން ކަމަށާއި އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ތިން މޯބައިލްފޯނާއި ތިން އަތުކުރީގަޑި އާއި ޑްރޯން އަކާއި ދޮށްޓަކާއި ދެ އަވިއައިނުގެ އިތުރުން ރިހި ފަށަކާއި ރިހި އަނގޮޓިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެއްޗަކީ އެކި މީހުންގެ އަތުން ފޭރިފައިވާ ތަކެތި ކަމަށް ބެލެވޭ ކަމަށާއި އެތަކެތީގެ އިތުރުން ހަ ވަޅި ފެނުނު ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަލީ ހައިސަލް ހަތަރު ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މީހުންނާ ވާހަކަދައްކައި އޮރިޔާން ވީޑިއޯ ހުރިކަމަށް ބުނެ ބިރުދައްކައިގެން، އެ ދެމީހުން ދިރިއުޅޭ އެޕާޓްމަންޓަށް ގެންގޮސް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، ވީޑިއޯކޮށް އަދި ފައިސާ ހޯދާފައިވާ އިތުރު ދެ މައްސަލަ ވެސް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަތައް ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%