ގޭންގް ކުށްތަކުގެ ގާނޫނުގެ ދަށުން ތޫނު ހަތިޔާރު ހޯދައި 3 މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 1 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 00:08
ފުލުހުން ރެއިޑެއްކޮށް ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން----
ފުލުހުން ރެއިޑެއްކޮށް ގެއެއް ބަލައި ފާސްކުރުމުގެ ތެރެއިން----
ޚުލާސާ

މިއީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއް. އެގެއިން ތޫނު ހަތިޔާރު ފެނިފައިވާއިރު ހައްޔަކުރި މީހުން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ.

ފުލުހުން މިހާރު އަމަލުކުރަމުން ގެންދާ، ގޭންގް ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކަށް ފުުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ފުުލުހުން ހިންގި މި އޮޕަރޭޝަނުން އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށާއި އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުންޏެވެ. ހައްޔަރުކުރި ތިން މީހުންނަކީ މއ. މޯނިންގްވިޔު، އަހުމަދު ނަވާޒު (30އ) އާއި މއ. މޯނިންގްވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުހައްމަދު ޝިދާދު (22އ) އެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ނަވާޒު 30 ދުވަހަށް، އަދި ޒައިދާން އާއި ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%