އިނގިރޭސީ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބާންލީ ބައްދަލުކުރި މެޗު އުނދަގޫ ކަމާއެކު 2-3 ގެ ނަތީޖާއިން ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ކުރިން ޔުނައިޓެޑުގެ ކޯޗު މި މެޗުން ބަލިވެއްޖެނަމަ މަޤާމުގައި ހުންނާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. މި މެޗާ ހަމަޔަށް ވެސް ޔުނައިޓެޑަށް މި ސީޒަނުގައި މޮޅެއް ލިބިފައި ނުވާއިރު މިދިޔަ ހަފްތާ ކަރަބޯ ކަޕުގައި ހަތަރު ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ އެ ކުލަބު ވަނީ މުބާރާތުން ކަޓާފަ އެވެ. އަދި ޕްރީ ސީޒަނުގައި މެލޭޝިޔާ ޓީމެއްގެ އަތުން ވެސް އެ ކުލަބު ވަނީ ބަލިވެފަ އެވެ. މި ހުރިހާ ސަބަބަކާއެކު ކޯޗު ވަކި ކުރުމުގެ އަޑު ސަޕޯޓަރުންގެ މެދުގައި ވަނީ ގަދަވެފަ އެވެ. ނަމަވެސް ކުލަބަށް މިހާ ބޮޑު ކަމެއް ނިންމުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެއީ ހަގީގަތެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑުން ލީޑު ނަގާފައިވަނީ ޖޯޝް ކުލެން އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ފޯސްޓަރ ގެ ގޯލުން ބާންލީ އިން މެޗު އެއްވަރުކުރި ނަމަވެސް އޭގެ ދެ މިނެޓު ފަހުން އެމްބޫމޯ ވަނީ އަލުން އަނބުރާ ޔުނައިޓެޑަށް ލީޑު ހޯދާފަ އެވެ. އަދި 66 ވަނަ މިނެޓުގައި އެންތޮނީ ވަނީ ގޯލެއް ޖަހައި ޔުނައިޓެޑް ހާސް ކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ.
ކޯޗު އަމޮރިމް ގެ މަގާމާމެދު ސުވާލު އުފެދިފައިވަނިކޮށް އޭނާއަށް ހިތްހަމަޖެހުމެއް ލިބުނީ ޔުނައިޓެޑް ގެ އަމަދުގެ ޖާޒީގައި ހިފައި އޭރިޔާ ތެރެއިން ބާންލީގެ ކުޅުންތެރިއެއް ވައްޓާލާ ޕެނަލްޓީއެއް ލިބުމުންނެވެ. އެއީ ޕެންލްޓީ އެއް ނޫންކަމަށް ރެފްރީ ނިންމި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ޖެހުނީ ނިންމުން ބަދަލުކުރާށެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ކާމިޔާބުކުރީ ބްރޫނޯ ފެނާންޑެސް އެވެ.
މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން އަމޮރިން ބުނެފައިވަނީ ހިތްވަރާއެކު މަސައްކަތް ކުރާނަމަ ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެ ކުޅުންތެރިއެއް ދެކެ އޭނާ ލޯބިވާނެ ކަމަށާއި އަދި މި މެޗުގައި ކުޅުންތެރިން ދެއްކި ހިތްވަރު ހުރިހާ މެޗެއްގައި ވެސް ދައްކަން ޖެހޭ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
ލިބުނު މި ތިން ޕޮއިންޓާއެކު ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެން ޔުނައިޓެޑް މިވަނީ ތާވަލުގެ ނުވަ ވަނައަށް ޖެހިލާފަ އެވެ. ތިން މެޗުން ތިން ޕޮއިންޓު ހޯދައި ބާންލީ އޮތީ 12 ވަނައިގަ އެވެ.
ހޮނިހިރު ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ 0-2 ޖެ ނަތީޖާއިން ފުލަމް ބަލިކޮށްފައިވާއިރު ސަންދަލެންޑް އަދި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ސަންދަލެންޑެވެ. ބޯންމައުތް އަތުން 0-1 ގެ ނަތީޖާއިން ޓޮޓެންހަމް ބަލިވެފައިވާއިރު އެވަޓަން ވަނީ 2-3 އިން ވުލްވްސް އަތުން މޮޅުވެފަ އެވެ. އަދި ލީޑްސް ޔުނައިޓެޑާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މިއަދު 18:00 ގައި ބްރައިޓަން އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ނިކުންނާނެ އިރު ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ވެސްޓްހޭމް ޔުނައިޓެޑް ކުޅޭނެ އެވެ. އަދި މި ހަފްތާގެ އެންމެ ފޯރިގަދަ މެޗު، ލިވަޕޫލާއި އާސެނަލް ކުޅޭ މެޗު އޮތީ މިރޭ 20:30 ގައެވެ. އަދި 23:00 ގައި އެސްޓަން ވިލާއާ ދެކޮޅަށް ޕެލެސް ނިކުންނާނެ އެވެ.