ޔުނައިޓެޑަށް 29 މެޗުން 28 ޕޮއިންޓް؛ ސަޕޯޓަރުންގެ ރުޅިގަނޑު ފަޅައިގެންދަނީ

އައިޝަތު އީމާން | 37 ދުވަސް ކުރިން - 25 އޯގަސްޓް 2025 08:53
ޔުނައިޓެޑުގެ ސަޕޯޓަރުން - ކޯޗު ބޭރުކުރުމުގެ އަޑު މިވަނީ ގަދަވެފައި.
ޔުނައިޓެޑުގެ ސަޕޯޓަރުން - ކޯޗު ބޭރުކުރުމުގެ އަޑު މިވަނީ ގަދަވެފައި.
ޚުލާސާ

އާދިއްތަ ދުވަހުގެ ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން. ކޯޗު އަދި ބައެއް ކުޅުންތެރިން ބޭރުކޮށްލަން ގޮވާލާ އަޑު މިވަނީ ގަދަވެފައި.

ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ދެ މެޗުން އެއް ޕޮއިންޓުން ފުއްދާލަން ޖެހިއްޖެ އެވެ.

މެޗުގެ 38 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއެއް ބްރޫނޯ ފެނާންޑެސް ވަނީ ދަނޑި މަތިން ބޭރަށް ފޮނުވާލާ ބޭކާރުކޮށްލާފަ އެވެ. މި ޕެނަލްޓީގެ ކުރިން ބްރޫނޯއާއި ރެފްރީ ދެމެދު ވަނީ ހިތްހަމަ ނުޖެހުންތަކެއް ހިނގާފައެވެ.

ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ބްރޫނޯ ވަނީ ބޭކާރުކޮށްލާފައި - ފޮޓޯ: ގެޓީ އިމޭޖަސް

ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ 58 ވަނަ މިނެޓުގައި ލިބުނު ކޯނަރެއް ފުލަމް ކުޅުންތެރިއެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަތް ގޯލެކެވެ. މެޗު އެއްވަރުކޮށްދިން ގޯލު ފުލަމް އަށް ކާމިޔާބުކޮށްދިނީ ސްމިތް ރޯވް އެވެ. މި ގޯލު އޭނާ އަށް ކާމިޔަބުކުރީ އިވޯބީ ނަގައިދިން ހުރަހަކުންނެވެ.

މި މެޗާއެކު އަދި ޔުނިޓެޑުގެ އާދައިގެ ކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ރުޅި ގަދަވެ އަނެއްކާވެސް ކޯޗު ބޭރުކުރަން ގޮވާލާ އަޑު މިވަނީ ގަދަވެފައެވެ. އަދި ބްރޫނޯ ފެނާންޑެސްގެ އިތުރުން ބައެއް ކުޅުންތެރިން ބޭރުކުރަން ވެސް ބައެއް ސަޕޯޓަރުން ދަނީ ގޮވާލަމުންނެވެ. ޕްރިމިއަރ ލީގު އެންމެ ފަހުން ކުޅުނު 29 މެޗުން އެޓީމަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. މި ސީޒަނުގައި ލީގު ފެށި މެޗު އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ޔުނައިޓެޑް ވީ ބައްޔެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޕެލެސް އަދި ނޮޓިންގހަމް ކުޅުނު މެޗު 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އަދި އެވަޓަންއާއި ބްރައިޓަން ކުޅުނު މެޗު އެވަޓަންއިން ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއިންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%