2-3 ގެ ނަތީޖާއިން ލެވަންޓޭ ބަލިވެފައި މިވަނީ 90 މިނެޓު ހަމަވެ އިންޖަރީ ޓައިމްގައި އެ ކުލަބުގެ ޑިފެންޑަރު އެލްގެޒަބާލް ބޮލުން ސާފުކޮށްލަން ޖެހި ބޯޅަ ބައިކޮޅަށް ވަދެގެންނެވެ. ލެވަންޓޭގެ ދެ ގޯލު ވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. 15 ވަނަ މިނެޓުގައި ލެވަންޓޭގެ އިވާން ރޮމޭރޯ ގޯލު ހުޅުވާލިއިރު ދެވަނަ ގޯލަކީ ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ލުއިސް މޮރާލެސް އެވެ.
މުޅި މެޗު ޑޮމިނޭޓްކޮށް ކުޅެފައިވަނީ ބާސެލޯނާއެވެ. އޭގެ ނަތީޖާއަކަށްވީ ތިން މިނެޓުގައި ދެ ގޯލު ޖަހައި ބާސެލޯނާއިން ލެވަންޓޭ މާޔޫސްކޮށްލުމެވެ. 49 ވަނަ މިނެޓުގައި އޭރިޔާ ބޭރުން ޕެޑްރީ ފޮނުވާލި ބޯޅަ ގޯލަށް ވަދެފައިވާއިރު ދެވަނަ ގޯލަކީ 52 ވަނަ މިނެޓުގައި ރަފިންހާ ނެގި ކޯނަރެއް ބޮލުން ވައްދާލާ ފެރަން ޓޮރޭސް ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބާސެލޯއިން ބޭކާރު ކޮށްލިކަން ފާހަގަކުރެވެއެވެ.
މި މޮޅާއެކު ބާސެލޯނާ މިވަގުތު ހަ ޕޮއިންޓާއެކު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެ މެޗުން ބަލިވެ ލެވަންޓޭ އޮތީ ފުލުން ތިން ވަނައިގައެވެ.
ލީގުގެ އެހެން މެޗުތަކަށް ބަލާއިރު އެތްލެޓިކޯ މެޑްރިޑް ރޭ ގައި އެލްޗޭއާ ވާދަކޮށް 1-1- އިން އެއްވަރުވެ ދެ މެޗުން ޖެހުނީ އެއް ޕޮއިންޓުން ފުއްދާލާށެވެ. ފުރަތަމަ މެޗުގައި އެސްޕަންޔޯލް އަތުން ވީ ބައްޔެވެ. މަޔޯކާ އަދި ސެލްޓަ ވިގޯގެ މެޗު 1-1 އިން އެއްވަރުވެފައިވާއިރު ރިއަލް ބެޓިސް އަދި ޑިޕޯޓިވޯ އަލާވެސް ބައްދަލުކުރި މެޗު ބެޓިސް އިން ވަނީ 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ. ވާދަވެރި ރިއަލް މެޑްރިޑްގެ މެޗު އޮތީ މިރޭ 00:30 ގައި އޮވިއޭޑޯއާ ދެކޮޅަށެވެ.