ރާއްޖޭގެ ޒަކާތު ހައުސް އިން އިންތިޒާމްކޮށްގެން ބާއްވާ ދެވަނަ ބައިނަލްއަގުވާމީ ޒަކާތު ކޮންފަރެންސް، (އިންޒެކް2025) މާދަމާ ފެށުމަށް ތައްޔާރުވެއްްޖެ އެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމޖެޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެވެ.
މި ކޮންފަރެންސް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމާއި، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމެވެ. ޒަކާތް ހައުސް އިން ބުނީ، މި ކޮންފަރެންސްގައި އިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމައުގެ އިސްވެރީން ގުޅިގެން މި މަޤްޞަދުތައް ހާސިލްކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށެވެ.
މިއަހަރުގެ ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި، މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިޤްތިޞާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޒަކާތު ހައުސް އިން ފާހަގަކުރި އެވެ.
ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 15 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފައްދަވާ، ޒަކާތު ހައުސް ރަސްމީކޮށް އިފްތިތާޙްކުރެއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒު އެވެ.