މަތިވެރި އެއާޕޯޓު ތަރައްގީކޮށް ހިންގަން އެމްއޭސީއެލް އަށް

މުހައްމަދު ޖަމްޝަތު | 59 ދުވަސް ކުރިން - 20 އޯގަސްޓް 2025 09:57
މަތިވެރި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން---
މަތިވެރި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން---
ޚުލާސާ

މި މަޝްރޫއަށް ބޭނުންވާ ސާވޭގެ މަސައްކަތް އެމްއޭސީއެލް އިން މިހާރުވެސް ވަނީ ފަށައިފަ.

އއ. މަތިވެރީގައި ތަރައްގީކުރަން ސަރުކާރުން ނިންމާފައިވާ އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އއ. މަތިވެރިއަށް ވަޑައިގެން, ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިމްރާން އަބްދުލް މުހައިމިންއެވެ.

މި މަޝްރޫއުގެ ދަށުން މަތިވެރީގައި ހަދާ އެއާޕޯޓަށް އިންވެސްޓްކޮށް, ޑިޒައިންކޮށް, ތަރައްގީކޮށް އޮޕަރޭޓް ކުރާނީ އެމްއޭސީއެލް އިންނެވެ. އަދި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާއިރު މަތިވެރި ރައްޔިތުންނަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ހަމަޖެހިފައިވެއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ, މަތިވެރީގައި އެއާޕޯޓެއް ހެދުމަކީ އެ މަނިކުފާނުގެ ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށެވެ. މި އެއާޕޯޓަކީ 100 ޕަސެންޓް ފުރިހަމައަށް ދެކޮޅު ޖެހޭނެ އެއާޕޯޓެއް ކަމަށާއި އެއާޕޯޓުގެ ސަބަބުން މަތިވެރިއަށާއި މުޅި އަތޮޅަށާއި އަދި ޖުމުލަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ފައިދާ ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މަތިވެރި އެއާޕޯޓް މަޝްރޫއު ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ހުޅުވާނެކަމުގެ ޔަގީންކަންވެސް މަތިވެރީގެ ރައްޔިތުންނަށް ދެއްވައިފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އިރު, މަޝްރޫއުގެ ސާވޭގެ މަސައްކަތް އެމްއޭސީއެލް އިން މިހާރު ވަނީ ފަށައިފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%