ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބަދުލްގައްޔޫމްގެ ސަރުކާރުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާމަންކަން ކުރި ހާލިދު އަބްދުﷲ އަލީގެ "ސްޕޯޓްސް ޕަވާ" ފިހާރައިން މާލޭގައި ބަނގުރާ އިސްތިހާރުކޮށްފި އެވެ.
މި އިސްތިހާރު ކޮށްފައިވަނީ ދަމަނަ ވެށި ކުރިމައްޗަށް މަޖީދީމަގުގައި ހުންނަ "ސްޕޯޓްސް ޕަވާ" ފިހާރައިންނެވެ. "ޔެންގްލިން ގޯލްޑެން ޕިލްސްނާ" ބިއަރުގެ ފޮޓޯއެއް ޖަހައިފައި ހުރި ވޭކްބޯޑެއް އެ ފިހާރައިން ވަނީ ސީދާ މަޖީދީމަގަށްވާގޮތަށް ޑިސްޕްލޭކޮށް އާއްމުންނަށް ފެންނަ ގޮތަށް ބަހައްޓައިފަ އެވެ. ބެލެވޭ ގޮތުގައި މި އިސްތިހާރު މިހެން ހުންނަތާ ދުވަސްކޮޅެއްވަނީ ވެފަ އެވެ.
ގާނޫނު އަސާސީގެ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދިނުން ނުވަތަ ޝައުގުވެރިކުރުވުން ނުވަތަ އެއިން ކަމެއް ކުރުމަށް މަގުފަހިކޮށްދިނުމުގެގޮތުން އެއްވެސް ޢަމަލެއް ކުރުމަކީ ކުށެކެވެ. އަދި މަސްތުވާތަކެތި ބޭނުންކުރުމަށް ނުވަތަ ޓްރެފިކްކުރުމަށް ހިތްވަރުދޭ އެއްވެސް އެއްޗެއް ލިޔުން ނުވަތަ ކުރެހުން ނުވަތަ ފާޅުކުރުން ނުވަތަ ހާމަކުރުން ނުވަތަ ޝާއިއުކުރުން ނުވަތަ އާންމުންނަށް ދެއްކުމަށްޓަކައި ނެރުމަކީވެސް ކުށެކެވެ. މިއިން ކުށެއް ކޮށްފިނަމަ އަދަބަކީ، ތިނެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ޕޯޓަލް އިން ފެންނަ ގޮތުގައި މި އިސްތިހާރު ޖަހާފައިވާ ސްޕޯޓްސް ޕަވާ ފިހާރަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވަނީ ޝޫލޭންޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ހާލިދު އަބްދުﷲ އަލީ އެވެ. އޭނާގެ އިތުރުން ކުންފުނީގެ ދެ ޝެއާ ހޯލްޑަރެއްވެސް ލިސްޓުކޮށްފައިވެ އެެވެ.
ޝޫލޭންޑް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހާލިދު އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި މޯލްޑިވެސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއާމަންކަން ކޮށްފަ އެވެ. އަދި ހަމަ އެ ސަރުކާރުގައި އޭނާ ވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ޗެއާމަންގެ މަގާމުވެސް އޭނާ އަދާކުރިއެވެ.
ޔާމީން ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ވައްކަމުގައިވެސް ހާލިދަށް ތުހުމަތު ކުރެވެއެވެ. އެމްއެމްޕީއާރުސީ ފައިސާގެ ތެރެއިން ހާލިދުއަށް 17.7 މިލިއަން ރުފިޔާ ޖަމާކުރިކަމުގެ ތުހުމަތު ކުރެވުނެވެ.
މިހާ ހާމަކަން ބޮޑުކޮށް ކޮށްފައިހުރި މި އިޝްތިހާރުގެ މައްސަލަ ފުލުހުންނަށްވެސް ނޭނގެ އެވެ. މަގުމަތި ޕެޓްރޯލްކުރާ ފުލުހުންނަށް ނުފެންނަނީ ކަމަށްވެސް ވެދާނެ އެވެ. މި އިސްތިހާރު މިކަމާއިގުޅިގެން ޚުލާސާއިން ފުލުހުންނަށް މެސެޖުކުރުމުން ޖަވާބުގައި ފުލުހުންގެ މީޑިއާ އޮފިޝަލް އެއްސެވީ މިއީ ކޮންތަނެއްގައި ހުރި ކޮން ފިހާރައެއްތޯ އެވެ. ހުލާސާގެ ނޫސްވެރިން އެ ސަރަހައްދުގައި ތިއްބައި އޮފް ޑިއުޓީގައި ހުރި ޕޮލިސް އިންސްޕެކްޓަރެއް ފިހާރައިން ވިޔަފާރިކޮށްގެން ދިޔައިރުވެސް މި އިޝްތިހާރު ހުރިކަން ނޭނގެ އެވެ. ފަހުން ފުލުހުންނަށް މި އިޝްތިހާރުގެ މައްސަލަ ރިޕޯޓުކުރީވެސް ހުލާސާގެ ނޫސްވެރިންނެވެ.