ހައްޖަށް ފައިސާ ދައްކާ މީހުންނާއި ޖާގަ ލިބޭ މީހުންގެ ލިސްޓް އާންމުކުރަނީ

މުހައްމަދު ޖަމްޝަތު | 15 ގަޑިއިރު ކުރިން - 12 އޯގަސްޓް 2025 14:03
މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ---ފޮޓޯ:މަޖިލިސް އިދާރާ
މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ---ފޮޓޯ:މަޖިލިސް އިދާރާ
ޚުލާސާ

މިނިސްޓަރު ވިދާޅުވީ ކޯޕަރޭޝަން ތަރައްގީކޮށް ޒަމާނަށް ފެތޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް.

ހައްޖަށް ދާން ފައިސާ ދައްކައި، ހައްޖުގެ ޖާގަ ލިބޭ މީހުން އެނގޭ ގޮތަށް ލިސްޓެއް އާންމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ހައްޖު ކޯޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ މަސައްކަތް ދެފުށްފެންނަ ގޮތަކަށް ހިންގުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށާއި ހައްޖަށް ފައިސާ ދައްކާ މީހުންނާއި ޖާގަ ލިބޭ މީހުންގެ ކިޔު ތަރުތީބުން އެނގޭނެ ލިސްޓު އާންމުކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މިއަހަރުވެސް ހައްޖަށް މީހުން ގެންދިއުމުގައި ފުރުސަތު ދީފައިވަނީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެގޮތުން، މިއަހަރަށް ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައި ތިބީ 850 މީހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 44 މީހުންވެސް ހިމެނޭ ކަމަށާއި އެ 44 މީހުންނަށް ބޭނުންވާ އެހީތެރިންނަށް އުސޫލާއި އެއްގޮތަށް އެ ފުރުސަތު މިއަހަރު ފޯރުކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ހަރަދުގައި މިއަހަރު 50 މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވާފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"1446ވަނަ އަހަރު ދިވެހިރާއްޖޭން މީހުން ޙައްޖަށް ގެންދިއުމަށް ލިބުނު 1000 ކޯޓާގެ ތެރެއިން ޙައްޖު ކޯޕަރޭޝަންގެ ކިޔުއިން 1446 ވަނަ އަހަރު 850 މީހުންނަށް ފުރުސަތު ދެވިފައިވޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއް ކަމަށާއި އެ ކޯޕަރޭޝަން ތަރައްގީކޮށް ޒަމާނަށް ފެތޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށެވެ.

އަދި ހައްޖު ކޯޕަރޭޝަން ތަރައްގީކޮށް ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް ފަންޑް މެނޭޖްމަންޓް އުސޫލުތަކުގައި ހިފަހައްޓައި ސުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކުގައި ފައިދާލިބޭގޮތަށް ހައްޖު ފަންޑު މެނޭޖްކުރަމުންދާ ކަމަށާއި ސައުދީގައި ބޭނުންކުރާނެ ބަސްތައް ގަނެ، ސައުދީގައި ދިވެހިންނަށް ހާއްސަ ހޮޓަލެއް ހަދައި، ހައްޖު ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%