ކ. ޒަމާނީ އައިލެންޑް ކައިރިން 17 މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި އެވެ. މި ޑިންގީން ދަތުރުކުރި އެންމެން މިިހާރު ވަނީ ސަލާމަތްކޮށްފަ އެވެ.
ފުލުހުން ބުނީ ކ. ގުރައިދޫއަށް ދަތުރުކުރި އެ ޑިންގީ ބަންޑުން ޖަހާލުމުން އޭގެއިން ދަތުރުކުރި ތިން މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑަށް އެރި ކަމަށެވެ. އަދި މެރިން ޕޮލިސް، ކ. އަތޮޅު ޕޮލިސް އަދި ކ. އަތޮޅު ރިސޯޓުތަކުގެ ލޯންޗުތަކުން ގުޅިގެން ބާކީ ތިބި 14 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ޑިންގީން ދަތުރުކުރި 17 މީހުންނަކީ ވެސް ބިދޭސީން ކަމަށެވެ. އެކަމަކު އެ މީހުން ދަތުރުކުރީ ކީހާ ބޮޑުމިނެއްގެ ޑިންގީއެއްކަން މިހާތަނަށް ސާފެއް ނުވެ އެވެ.
މިދުވަސްވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަރަކަށްވާތީ މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާއިގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.









