ބުރެޒިލްގެ ކުރީގެ ރައީސް ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 74 ދުވަސް ކުރިން - 5 އޯގަސްޓް 2025 14:15
ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ - އޭނާ ވަނީ މުއްދަތެއް ނެތް ގޮތަށް ގޭބަންދު ކޮށްފަ / ފޮޓޯ: ސޯޝަލް މީޑިއާ
ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ - އޭނާ ވަނީ މުއްދަތެއް ނެތް ގޮތަށް ގޭބަންދު ކޮށްފަ / ފޮޓޯ: ސޯޝަލް މީޑިއާ
ޚުލާސާ

ބަޣާވާތެއް ގެންނަން އުޅުނު މައްސަލާގައި ދަޢުވާ އުފުލާފައިވާ ބުރެޒިލްގެ ކުރީގެ ރައީސް ހައްޔަރުކޮށް މުއްދަތެއް ނެތް ގޮތަށް ގޭގައި ބަންދުކޮށްފި.

ކޯޓު އަމުރުތަކާއި ޚިލާފުވުމާއި ބަޣާވާތެއް ގެނެސް ބްރެޒިލްގެ ސަރުކާރު ވައްޓައިލުމަށް ރޭވި ކަމުގެ ތުހުމަތުތަކާއި ގުޅިގެން ގިނަ ކަންތަކުން މަޙްރޫމް ކޮށްފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯ ގޭގައި ބަންދުކުރުމަށް އެ ޤައުމުގެ ސުޕްރީމް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

ބޮލްސޮނާރޯ އާއި ގުޅޭ ވަރަށް ގިނަ މައްސަލަތަކެއް ތަޙްޤީޤުކޮށް މައްސަލަ ޝަރީޢަތަށް ފޮނުވާފައިވާއިރު، މީގެ ކުރިން އޭނާ އަށް މަނާ ކޮށްފައިވާ ކަންތަކުގެ ތެރޭގައި ސޯޝަލްމީޑިއާ ބޭނުން ކުރުމާއި، އެއްވުންތަކަށް ވަޑައިގަތުމާއި، ރައްޔިތުންނަށް އެއްވުންތަކުގައި މެސެޖުތައް ފޮނުވުމާއި އަދި ޤައުމުން ބޭރަށް ފުރައިގެން ނުދިޔުން ފަދަ ކަންކަން ހިމެނެއެވެ. އޭނާގެ ޕާސްޕޯޓުވެސް އޮތީ ހިފަހައްޓާފައެވެ.

ނަމަވެސް ޖުޑިޝަރީގެ މި އެންގެވުމާއި ޚިލާފަށް ހުކުރު ދުވަހު ރިއޯ ޑި ޖެނީރޯގެ ކޮޕަކަބާނާގައި ބޭއްވި ސިޔާސީ ޖަލްސާއަކަށް އޭނާ ވަނީ ވީޑިއޯ މެސެޖެއް ރައްޔިތުންނާއި ހިއްސާ ކޮށްފައެވެ. ސުޕްރީމް ކޯޓުުން އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ މި މައްސަލައިގައެވެ.

ބޮލްސޮނާރޯ ވަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާޠިލް ކުރުމަށް މަސައްކަތް ކޮށްފައި ކަމަށް ތުހުމަތު ކުރާއިރު، ޖެނުއަރީ 2019 އިން ޑިސެމްބަރު 2022 އަށް ބްރެޒިލްގެ ރައީސްގެ މަގާމު އަދާކުރެއްވި ބޮލްސޮނާރޯގެ އެންގެވުމަށް ޖެނުއަރީ 8، 2023 ގައި ބްރެޒިލްގެ ފެޑެރަލް އިމާރާތްތަކަށް ސަޕޯޓަރުން ވަދެގަތް ހަމަނުޖެހުންތަކާއި ގުޅިގެން ބަޣާވާތެއް ގެންނަން ރޭވި ރޭވުންތަކާއި ގުޅޭ މައްސަލަ ފެށުނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބޮލްސޮނާރޯ ގޭބަންދު ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%