ސައުތް ކޮރެއާގެ މަޝްހޫރު ކުޅުންތެރިޔާ 10 އަހަރަށްފަހު ޓޮޓެންހަމް ދޫކޮށްލަން ނިންމާފައިވާ ކަމަށް އޭނާ ބުނެފިއެވެ. އޭނާ މިކަން އިއުލާން ކޮށްފައިވަނީ އާދީއްތަ ދުވަހު ކޮރެއާގައި ނިއުކާސަލްއާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ އެކުވެރި މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ސްޕާސްގެ ކެޕްޓަން ސޮން ބުނެފައިވަނީ މިއީ އޭނާގެ ކެރިއަރުގައި ނިންމާ އެންމެ އުނދަގޫ ނިންމުން ކަމަށާއި ނަމަވެސް އިތުރު ޗެލެންޖެއް ބޭނުންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ނިމިދިޔަ 10 އަހަރުގައި އޭނާ ސްޕާސްގައި ހޭދަކުރި ދުވަސްތަކަކީ ހަނދާނުން ނުފިލާނެ ދުވަސަތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ސޮން ވަނީ އޭނާއަށް އެ ކުލަބުގެ ސަޕޯޓަރުން ދިން ލޯތްބަށް ޝުކުރު އަދާކޮށް އޭނާގެ ނިންމުމަށް އިހުތިރާމު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ބުނެފައެވެ.
2015 އަހަރު ބަޔަރ ލެވަކޫސަނުން ސްޕާސްއާ ސޮން ގުޅުނީ 30 މިލިޔަން ޔޫރޯގެ ޓްރާންފާ ފީއަކަށެވެ. 32 އަހަރުގެ ތަޖުރިބާކާރު ފޯވާޑު މިހާތަނަށް ވަނީ އެ ކުލަބަށް 397 މެޗު ކުޅެ 159 ގޯލު ޖަހައިދީފައެވެ.
ސައޫދީ ކުލަބު ތަކުން ސޮން ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު ރިޕޯތައް ބުނާ ގޮތުން ސޮން ގުޅެން ނިންމާފައިވަނީ އެމެރިކާގެ ލޮސް އެނެޖަލަސްއާ އެވެ. އެ ކުލަބާއި ސޮން އާއި ދެމެދު އެއްބަސް ވާން ޖެހޭ ކަންކަން ނިމިފައިވާ ކަމަށާއި ދެން އޮތީ ދެ ކުލަބު ދެމެދު އެއްބަސް ވާން ޖެހޭ ކަންކަން ނިންމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ރިއަލް މެޑްރިޑުގެ ކުރީގެ ތަރި ގަރެތް ބޭލް އަދި ޖުވެންޓަސްގެ ކީޕަރު ޗިއެލެނީ ވެސް މިވަގުތު ކުޅެމުން އަންނަނީ ލޮސް އެންޖަލަސް އަށެވެ.