ރާއްޖޭއިން ބަރުގަހުގެ އޮށްތަކެއް ނަގައި ފުރަތަމަ ފަހަރަށް ޖައްވަށް ފޮނުވާލައިފި އެވެ.
ކުޅުދުއްފުށްޓާއި ނ. ކެނދިކުޅުދޫން ނެގި ބަރުގަސް އޮށްތައް ނާސާ އާ ހަވާލުކޮށްފައިވަނީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އިންނެވެ. ބަރުގަހަކީ ކަނޑޫފަލުގައި ހެދޭ އެއްޗެކެވެ.
ރާއްޖެ އާއެކު 11 ގައުމަކުން ވަނީ އޮއްތަށް ޖައްވަށް ފޮނުވައިފަ އެވެ. އޮށްތައް ހިފައިގެންދާ ނާސާގެ ސްޕޭސް އެކްސް މިއަދުގެ ވަގުތެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ޖައްސާނެ އެވެ.
އެމްއެސްއާރުއޯއިން ބުނިގޮތުގައި، އޮށްތައް ޖައްވަށް ފޮނުވާލާފައިވަނީ ޖައްވުގައި އޮށްތައް ހެދި ބޮޑުވުމަށް އަސަރުކުރާ މިންވަރު ދެނެގަތުމަށް ކަމަށެވެ.
އަދި މި އޮށްތައް އަނބުރާ ދުނިޔެއަށް ގެނައުމުން، ޖައްވަށް ގެންދިއުމުގެ ސަބަބުން އޮށްތަކަށް ކުރި އަސަރު ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.








