ފުޓްބޯޅައިގެ މަޝްހޫރު ކްލަބު ކަމަށްވާ ލިވަޕޫލުން އެޓީމުގެ ފޯވާޑް ޑިއޯގޯ ޖޯޓާގެ ހަނދާނުގައި، ޖާޒީ ނަންބަރު 20 ދާއިމީކޮށް ރިޓަޔަރ ކުރާނެކަމަށް ރަސްމީކޮށް އިއުލާންކޮށްފިއެވެ. ޕޯޗުގަލަށް އުފަން ޔޮޓާ މި ދުނިޔެއިން އަލްވަދާއު ކިޔާފައިވަނީ ފާއިތުވި ހަފްތާގައި އޭނާގެ ކޮއްކޮ އަންދްރޭ ސިލްވާއާއެކު ދިމާވި ހިތާމަވެރި ކާރު އެކްސިޑެންޓެއްގައެވެ.
2020 ވަނަ އަހަރު ވުލްވުސް އިން ލިވަރޕޫލަށް ބަދަލުވެ ޔޮޓާ ކުޅެފައިވަނީ ޖާޒީ ނަންބަރު 20 އަށެވެ. އެ ކްލަބުން ވަނީ ޔޮޓާގެ އަނބިކަނބަލުން އަދި އާއިލާއާ މަޝްވަރާކުރުމަށްފަހު ވިމެންސް ޓީމާއި އެކަޑަމީ ވެސް ހިމެނޭ ގޮތަށް އޭނާގެ ޖާޒީ ނަމްބަރު ރިޓަޔަރ ކުރާނެކަން އިއުލާންކޮށްފައެވެ.
ލިވަޕޫލުން ބުނެފައިވަނީ މި ނިންމުމުގެ މަޤްޞަދަކީ ހަމައެކަނި ދަނޑުމަތީގައި ޔޮޓާގެ ހަނދާން ފާހަގަކުރުން ނޫންކަމަށާއި އެ ކުލަބުގައި އޭނާ ހޭދަކުރި ފަސް އަހަރުގެ ތެރޭގައި ފުޓްބޯޅަ ކްލަބާ ގުޅުންހުރި މީހުންނަށް އޭނާ ހޭދަކޮށްފައިވާ ވަގުތު ހަނދާން އާކުރުން ކަމުގައެވެ.
ލިވަޕޫލްގެ އޯނަރު ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލަބެއްގެ ހައިސިއްޔަތުން ސަޕޯޓަރުންގެ އިހްސާސްތަކާމެދު ވަރަށް ބޮޑަށް ދެނެގަންނަ ކަމަށާއި އަދި ހަމަ އެގޮތަށް މެނޭޖުމަންޓަށް ވެސް އިހްސާސްކުރެވޭ ކަމަށެވެ، އަދި ޔޮޓާގެ އަނބިކަނބަލުންނާއި އާއިލާ މި ނިންމުމުގައި ބައިވެރިކުރުމާއި ކުލަބުގެ މި ނިންމުން އެންމެ ފުރަތަމަ އެބޭފުޅުންނަށް އެންގުމަކީ އެމީހުންގެ ވަރަށް މުހިންމު ވާޖިބެއް ކަމުގައި ދެކޭ ކަމަށެވެ.
ޔޮޓާ މަރުވުމަށްފަހު ލިވަރޕޫލްގެ ފުރަތަމަ މެޗު ޕްރެސްޓަން ނޯތު އެންޑާ ދެކޮޅަށް ކުޅޭ ފްރެންޑްލީ މެޗެއް އާދީއްތަ ދުވަހު އޮންނާނެ އެވެ. ޕްރިމިއަރ ލީގު ޗެމްޕިއަނުންގެ މި އަހަރުގެ ޕްރީސީޒަންގެ ފުރަތަމަ ފްރެންޑްލީ މެޗުގައި ފަސްޓް ޓީމުގެ ގިނަ ކުޅުންތެރިން ކުޅޭނެއެވެ.