މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަތީފަޑިއަށް އެންމެންގެ އިތުބާރު ލިބިއްޖެ

އުސްތާޛް މުޙައްމަދު ޢަލީ | 12 ދުވަސް ކުރިން - 3 ޖޫން 2025 09:57
އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (މ)، ދެފަރާތުގައި އަހުމަދު (ކ) އާއި މުންތަގިމް.
އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (މ)، ދެފަރާތުގައި އަހުމަދު (ކ) އާއި މުންތަގިމް.
ޚުލާސާ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) އަދި ނައިބު ރައީސް ކަމަށް އަހުމަދު އިސްމާއިލް އާއި އަހުމަދު މުންތަގިމް (މުންތޭ) އިތުރު ދައުރަކަށް ހޮވިއްޖެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ މަތީފަޑިއަށް އެންމެންގެ އިތުބާރު ލިބިއްޖެކަންނއިއްޔެ އޮތް އެ އެސޯސިއޭޝަންގެ އިންތިޚާބުން އެނގިއްޖެއެވެ.

އެސޯސިއޭޝަނުން ބުނީ އިންތިޚާބުގައި 14 މެމްބަރު އެސޯސިއޭޝަނުންނާއި އެތުލީޓުން ތަމްސީލުކުރާ ކޮމިޝަނުގެ މެމްބަރުން ބައިވެރިވެފައިވާއިރު ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް މިހާރު ވެސް ތިއްބެވި ބޭފުޅުން އިތުރު ދައުރަކަށް ހޮވިވަޑައިގެންފައިވާ ކަމަށެވެ.

މިފަހަރު ވެސް އޮލިމްޕިކް އެސޯސިއޭޝަންގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ ސްވިމިންގ އެސޯސިއޭޝަންގެ ރައީސް، މުޙައްމަދު ޢަބްދުއްސައްތާރު (ޗަމްޕީ) އެވެ. ނައިބު ރައީސް ކަމަށް އޭނާގެ ދެ ނައިބުން ކަމަށްވާ މުންތަގިމް އާއި އަހުމަދު ވެސް ވަނީ އިންތިހާބުވެފަ އެވެ.

ހ. މީރުމާގައި ބޭއްވުނު އިންތިޚާބުގައި ޗެމްޕީ ފިޔަވައި ރައީސްކަމަށް ވާދަކުރައްވަން އެއްވެސް ބޭފުޅަކު ބޭނުންފުޅެއް ނުވިއެވެ. ޗަމްޕީއާއި ދޭތެރޭ އެންމެންގެ އިތުބާރު އޮތުމުންނެވެ. އެހެންކަމުން، އޮލިމްޕިކް ކޮމިޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޗަމްޕީއަށް ދެވަނަ ދައުރެއް ޔަގީންވިއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ރައީސްކަން ވެސް ހަތަރުވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ޗެމްޕީ އެންމެ ފަހުން 2021 ވަނަ އަހަރު ބޭއްވުނު އޮލިމްޕިކް ކޮމިޓީގެ އިންތިޚާބުގައި ވަނީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށް 11 ވޯޓު ހޯއްދަވައި ކާމިޔާބު ހޯއްދަވާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގައި ޖުމްލަ 14 ފަރާތަކުން ތިބެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ. އޭގެ އިތުރުން، އެތުލީޓްސް ކޮމިޝަން ތަމްސީލް ކުރާ މެމްބަރެއް ވެސް ހިންގާ ކޮމިޓީގައި ހިމެނޭނެ އެވެ. މި ވަގުތު ހުރި އެތުލީޓްސް ކޮމިޝަންގެ މެމްބަރުގެ ދައުރު ހަމަވާނީ މި އަހަރު ޑިސެމްބަރު މަހަށެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި، އޮލިމްޕިކް ސްޕޯޓްސްގެ ގޮޑިތައް ކާމިޔާބުކުރެއްވީ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)، ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އެވެ.

ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ ޖާގަ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އަށް ލިބުނުއިރު، އަންހެން ދެ މެމްބަރުންގެ ޖާގަ ލިބުނީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށެވެ.

އޮލިމްޕިކް ކޮމިޓީގެ ފިނޭންޝިއަލް ޑިރެކްޓަރާއި ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރާނީ، އެސޯސިއޭޝަންގެ އާ ހިންގާ ކޮމީޓީގެ ރުހުމާއި އެކުގަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރު (2025-2029) އަށް ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލީ އޭޕްރީލް 22 އިން ފެށިގެންނެވެ. މިދިޔަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބުގައި ވާދަކުރުމަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަތީ ފަޑިއަށް މެންބަރުން އިތުބާރުކުރާ ސަބަބުތައް ގިނައެވެ. ޚާއްސަކޮށް އެ އެސޯސިއޭޝަންގެ ރައީސް ޗަމްޕީގެ ފުރަތަމަ ދައުރުގައި، ރާއްޖެއިން ވަނީ 2023 ވަނަ އަހަރު މަޑަގަސްކަރުގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން 28 މެޑަލް ހޯދައި، ރާއްޖޭގެ ކުޅިވަރު ތާރީޚުގެ އެންމެ ކާމިޔާބު ގޭމްސް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރު އިސްލާމިކް ސޮލިޑަރިޓީ ގޭމްސްގައި ވާދަކޮށް މެޑަލް ހޯދާފައިވެއެވެ. މިހިރީ ހައްތާވެސް ސަބަބުތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%