ދިވެހިރާއްޖޭގެ ޒުވާން އެތުލީޓުންނަށް ބައިނަލްއަގުވާމީ މައިދާނުގައި ހުނަރު ދައްކާލުމަށް ތާރީޚީ ރަން ފުރުސަތެއް ފަހިވެއްޖެ އެވެ. ފިލިޕީންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް ގައި ބައިވެރިވުމުގެ ޚާއްސަ ދައުވަތެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް މިހާރު ވަނީ ލިބިފަ އެވެ. .
މި މުބާރާތަކީ 16 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ މުބާރާތަކަށް ވާއިރު، މިއީ ރާއްޖޭގެ ޒުވާނުންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދޭނެ ފުރުސަތެކެވެ.
ދާދިފަހުން އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޖޫނިއާ ޓީމުން ވަނީ ޖުމްލަ 7 މެޑަލް (3 ރިހި އަދި 4 ލޯ މެޑަލް) ގައުމަށް ހޯދައިދީފަ އެވެ. މި މުބާރާތުގައި 15 އަހަރުން ދަށުގެ އަންހެން ޓީމުން ސްރީލަންކާ އާއި ނޭޕާލް ބަލިކޮށް ހޯދި ރިހި މެޑަލްއަކީ ދިވެހި ޒުވާނުންގެ ފެންވަރު ސާބިތުކޮށްދިން ކަމެކެވެ.
ޓީޓީގެ އިތުރުން އެހެން ކުޅިވަރުތަކުން ވެސް ދިވެހި ޒުވާނުން ވަނީ ދުނިޔޭގެ ސަމާލުކަން ހޯދާފަ އެވެ. އެގޮތުން ބެޑްމިންޓަންގެ ޒުވާން ތަރި ލައިބާ އަހުމަދު މަޚްލޫފް ވަނީ އާމީނިއަން ޔޫތު އޯޕަން މުބާރާތުން ރަން ހެޓްރިކެއް (3 ރަން މެޑަލް) ހާސިލުކޮށްފަ އެވެ.
ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ޒުވާން ފެތުންތެރިޔާ މުހައްމަދު ރިޒާން ވަނީ އޭޝިއަން ޕެރަ ޔޫތު ގޭމްސްއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައިދީ، އުމުރުން އެންމެ 12 އަހަރުގައި އައިއޯއައިޖީން 3 ރަން މެޑަލް ހޯދި ފާތިމަތު ދީމާ އަލީ ވަނީ އޮލިމްޕިކްސްއަށް ކޮލިފައިވެ ތާރީޚް ބަދަލުކޮށްލާފަ އެވެ.
މިފަދަ ބޮޑެތި ކާމިޔާބީތަކުގެ ހެކިތަކާއެކު، 2027 ގެ މި މުބާރާތަށް އެތުލީޓުން އެންމެ ފުރިހަމައަށް ތައްޔާރުކުރުމުގެ ދިގު މުއްދަތުގެ ތަމްރީނުތައް ފެށުމަށް އޮލިމްޕިކް ކޮމިޓީން ދަނީ މަސައްކަތް ކުރަމުންނެވެ. ހުނަރުވެރި ކުދިން ހޮވައި، "އޮލިމްޕިކް ސޮލިޑަރިޓީ" ގެ އެހީގައި ރާއްޖެއިން ބޭރުން ތަމްރީނު ހޯދައިދިނުމަށް ވަނީ އަމާޒު ހިފާފަ އެވެ.
[އެތުލެޓިކްސް، ޓީޓީ، ބެޑްމިންޓަން އަދި ފެތުން ފަދަ ކުޅިވަރުތަކުން ރާއްޖޭގެ ޒުވާން ލެޖެންޑުން ފިލިޕީންސްގެ މައިދާނުގައި އާ ތާރީޚެއް ލިޔާނެކަމީ މިއަދު ބެލެނިވެރިންނާއި ކުޅިވަރު އާއިލާގެ އެންމެ ބޮޑު އުންމީދެވެ.





