އިއްޔެ ހަވީރު ލިވަޕޫލްގައި ހިނގި ކާރު އެކްސިޑެންޓުގައި އަނިޔާ ވެގެން 27 މީހުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ޕްރިމިއަރ ލީގުގައި ލިވަޕޫލަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ހަވީރު ލިވަޕޫލްގެ މަގުމަތީގައި ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބައި އެމީހުންތަކުގެ ތެރެއަށް ބާރު ސްޕީޑުގައި އައި ކާރަކުން ޖައްސައި ގިނަ ބަޔަކު ޒަޚަމްވިއިރު 2 ކުޑަކުދިންނަށް ސީރިއަސް އަނިޔާ ލިބިފައި ވެއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ކާރު ދުއްވަން އިނީ 53 އަހަރުގެ އިނގިރޭސި ރައްޔިތެކެވެ.
އިއްޔެ ލިވަޕޫލްގެ ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށް ހިނގި ހާދިސާއާއި ގުޅިގެން ލިވަޕޫލްގެ މަގުމަތީގައި ރެސްކިއު ޓީމުތަކުން ޙަރަކާތްތެރިވަނީ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި މީހާ ވަނީ ހައްޔަރުކުރެވިފައެވެ. މާސައިޑް ފުލުހުން ބުނާ ގޮތުގައި މިއީ ޓެރަރިޒަމާ ގުޅުންހުރި ހާދިސާއެއް ނޫނެވެ. އަދި މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރ ސްޓާމަރ ވިދާޅުވީ "މުޅި ގައުމު ލިވަރޕޫލްއާއެކު ވާނެ" ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ލިވަރޕޫލް އެފްސީއިން ވަނީ ބައެއް ޙަރަކާތްތައް ވެސް ކެންސަލްކޮށްފައެވެ. އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ލިވަޕޫލުން ވަނީ ބުނެފައެވެ.