މިއަދު އަޅުގަނޑުގެ އަންހެނުންގެ ފޯނަށް އައީ މެސެޖެކެވެ. އޭނާގެ ދައްތަގެ މެސެޖެކެވެ. އޭގައި އޮތީ “ހެޕީ މަދާސްޑޭ” އެވެ. އަދިވެސް އެހެން ވާހަކަތަކެއް ވެސް ލިޔެފައި ވެއެވެ. އެ މެސެޖަށް ރިޕްލައި ކުރުމުގެ ކުރިން އަންހެނުން އަވަސްވެގަތީ ދަރިފުޅަށް ކާއެއްޗެހި ތައްޔާރުކުރުމަށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. މަންމަމެންނަކީ ހާދަ އަމިއްލަ އެދުން ކުޑަ ނަފްސު ތަކެކެވެ.
އެއީ ހަމައެކަނި އަހަރެމެންނަށް ކައްކާފައި ކެއުން ތައްޔާރުކޮށްދޭ ނުވަތަ ހަޑިކޮށްލާފައި ހުންނަ ހެދުން ދޮވެދޭ މީހާ އެކަންޏެއް ނޫނެވެ. އެކަމަކު އަހަރެމެން ބަލިވެ އުޅޭއިރު މުޅި ރޭ ހަތަރުދަމު ހޭލާ ހުންނަން ޖެހުނަސް، އަހަރެމެންނަށް އޭނާގެ ވޭން ނުފެންނަ ގޮތަށް ފާޚާނާގައި ހިމޭންކަމާއެކު ރޮމުން ދިޔަ، އަދި އަހަރެމެންނަށް ދުވަހަކުވެސް ނޭނގޭ ހުވަފެންތައް ގުރުބާން ކުރި މީހާއެވެ. ހަމައެކަނި އަހަރެމެންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް އަވަސްވެގެންނެވެ.
ހަނދާން އެބަހުރިހެއްޔެވެ؟ ތިބާ ފުރަތަމަ ފިޔަވަޅު އެޅިއިރު ތިބާގެ ކުޑަކުޑަ އަތުގައި ހިފަހައްޓާލީ އެ މަންމައެވެ. މިއަދު ތިބާ ދިރިއުޅުމެއް ފަށައިގެން އުޅޭއިރު، އަދިވެސް ބޮޑު ކަމެއް ދިމާވާއިރު އެންމެ ފުރަތަމަ ތިބާގެ ކައިރީގައި ހުންނަނީ އެ މަންމައެވެ. ތިބާއަށް ބޮޑު ކަމެއް ޖެހިގެން ގޮތް ހުސްވެ ހާސްވެ އުޅޭއިރު އުއްމީދުގެ ހީނލުމަކާއި އޯގާތެރި ފިރުމާލުން ލިބެނީ ވެސް އެ މަންމަގެ ފަރާތުންނެވެ. އޭނަގެ ހިތަކީ އަބަދުވެސް ތިބާގެ ގެއެވެ.
އެ މަންމަ ވަނީ އެތައް ރެޔަކު އަދި އެތައް ދުވަހަކު އޭނާ އެންމެ ބޭނުންވި ކާނާ ނުކައި ތިބާއަށް ދީފައެވެ. ތިބާއަށްޓަކައި އޭނަ ނުކައި ހުރި ރޭތައް ތިބާއަކަށް ނުފެނިދާނެއެވެ. ސްކޫލަށް ތިބާ ގެންގޮސް، ގެއަށްލައިދިނީ ފައިމަގުގައެވެ. ކުރަންޖެހޭ އެތައް ކަމެއް ހުއްޓާލައި ނުލާހިކު ދުރަށް ހިގާފައިވަނީ ތިބާއަށްޓަކައެވެ. އެކަން ތިބާއަކަށް އިހްސާސް ކުރެވޭ ހެއްޔެވެ؟ ތިބާ މޮޅު މީހަކަށް ހެދޭތޯ އެ މަންމަ ކުރި މަސައްކަތްތަކާއި ކުރި އުންމީދުތައް ތިބާއަށް އިހްސާސް ކުރެވޭ ހެއްޔެވެ؟
މިއަދަކީ މަންމަމެންގެ ދުވަހެވެ. އެކަމަކު އޭނާއަށް ކޮންމެ ދުވަހަކީ ތިބާގެ ދުވަހެވެ. އެކަން ތިބާއަށް އިހްސާސް ކުރެވޭ ހެއްޔެވެ؟
އެހެންކަމުން، ނަސީބު ރަނގަޅު ނަމަ އަދިވެސް އޭނަގެ އަޑު އިވޭތޯ އޭނައަށް ގުޅާށެވެ! ކައިރީގައި ހުރިނަމަ އަތުގައި ތަންކޮޅެއް ބާރަށް ހިފަހައްޓާށެވެ! ޝުކުރު އަދާކުރާށެވެ. ފޮނި ބަސްތަކުން ނޫނެވެ. ތިބާ އުޅޭނެ ކަމަށް އެ މަންމަ އުންމީދުކުރި ވައްތަރުގެ ދިރިއުޅުމަކުންނެވެ. އަދި މިހާރު ތިބާގެ ހަނދާންތަކުގައި ތިބާއާއެކު އޭނާ ނެތްނަމަ އެ މަންމައަށްޓަކައި ހެޔޮ ދުޢާކުރާށެވެ.
އެހެނީ ހަގީގަތަކީ، އަހަރެމެން އެންމެން އުޅެނީ އަހަރެމެންގެ މަންމަގެ ލޯބީގެ ގުގުމާލުގައެވެ. އަދި ކިތަންމެ ދުރަށް ދިޔަޔަސް، އޭނާގެ އަޑު، އޭނާގެ ވަސް، އޭނާގެ ފިރުމުން އެއީ އަޅުގަނޑުމެންނަށް އެންމެ ރައްކާތެރި ނިޢުމަތެވެ.
އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ދީ، އަދި ދުވަހަކުވެސް ބަދަލުގައި އެއްވެސް އެއްޗަކަށް އަޅުގަނޑުމެންގެ ފަރާތުން ނޭދޭ އެ މަންމަމެންނަށް “މަންމައިންގެ ދުވަހުގެ ތަހުނިޔާ”އަރިސްކުރަމެވެ.
އެއި ހުރިހާ ކަމެއްގައިވެސް ވެސް އަމިއްލަ އެދުމެއް ނެތް މަންމަ އެވެ! އެކަން ތިބާއަށް އިހްސާސް ކުރެވޭ ހެއްޔެވެ؟