ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް)ގައި ތަގުރީރު ކުރައްވައިފިއެވެ.
ދުނިޔޭގައިވާ އެންމެ ބޮޑު އެއް އިސްލާމިކް ޔުނިވާސިޓީގައި މިއަދު ތަޤްރީރުކުރެއްވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެވެ.
މިއީ ދުނިޔޭގެ ނުފޫޒުގަދަ ލީޑަރުންނަށް ވެސް ވަރަށް މަދުން ނޫނީ ނުލިބޭ ޝަރަފަކަށް ވާއިރު މީގެ ކުރިން ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އެއްދޮޣާން ވަނީ 2014 ވަނަ އަހަރު އެތަނުގައި ތަޤްރީރު ކުރައްވާފައެވެ.
އަދި 2017 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އިތުރުން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދާއި މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ވެސް އެ ޕޯޑިއަމްގައި މީގެ ކުރިން ތަގްރީރު ކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވިއެވެ.
އިސްލާމީ ވެރިކަމާއި ތަރައްގީއަށް ރައީސް މުއިއްޒު ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމިކް ލީޑަޝިޕް އެންޑް މަދާނީ ޑިވެލޮޕްމަންޓްގެ ޝަރަފުވެރި ޑޮކްޓަރ އޮފް ފިލޯސަފީ އައިއައިޔޫއެމް އިން ވަނީ މިއަދު ރައީސް ޑރ.މުޢިއްޒަށް އަރުވާފައެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް މިއަދު އައިއައިއެމްޔޫ ގެ ފަރާތުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަވް އަރުވަނީ.
ރައީސް ސިފަކުރެއްވި ގޮތުގައި މި ޝަރަފަކީ މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ވަރުގަދަ ދެގައުމުގެ ގުޅުމާއި އިސްލާމީ ޙަޟާރަތް ކުރިއެރުވުމަށް ޙިއްޞާކުރާ ރަމްޒެކެވެ.
ރައީސްގެ ތަގުރީރުގައި ބައިބައިވެފައިވާ މުސްލިމް ޖަމާއަތްތައް އެއްބައިވަންތަކޮށް، ދީނީ އަދި ތައުލީމީ ގޮތުން މޮޅުކަން އާލާކުރާ އައިއައިޔޫއެމް ފަދަ މުއައްސަސާތައް ކުރިއެރުވުމަށް އޯއައިސީ ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ގޮވާލެއްވި އެވެ.