އެންފީލްޑް ސްޓޭޑިއަމްގައި ޓޮޓެންހެމް ހޮޓްސްޕަރ އަތުން 5-1 ގެ ބޮޑު ސްކޯއަކުން މޮޅުވެ، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިއެވެ. މިއީ ލިވަރޕޫލްގެ 20 ވަނަ ލީގު ޗެމްޕިއަންކަމެވެ.
މި މޮޅުވުމާއެކު ލިވަރޕޫލްއިން ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ ރެކޯޑާ އެއްވަރުކޮށްފައެވެ. އަދި 35 އަހަރު ފަހުން އެންފީލްޑްގައި ލީގު ޗެމްޕިއަންކަން ފާހަގަކުރުމުގެ ފުރުސަތު ލިބުމުން، ލިވަރޕޫލްގެ ސަޕޯޓަރުން ވަނީ އުފަލުން ފޮޅިގެން ގޮސްފައެވެ.
އެންފީލްޑްގައި ލިވަޕޫލްގެ ސަޕޯޓަރުން އުފާފާޅުކުރަނީ.
މެޗުގެ ކުރީކޮޅު ޓޮޓެންހެމްގެ ޑޮމިނިކް ސޮލާންކީ ލީޑު ހޯދައިދިން ނަމަވެސް، ލިވަރޕޫލްއިން ވަނީ ފަހުން ވަރުގަދަ ހަމަލާތަކެއް ދީ މެޗު އަތުލާފައެވެ. ލުއިސް ޑިއާޒް، އެލެކްސިސް މެކް އެލިސްޓަރ އަދި ކޯޑީ ގަކްޕޯ ވަނީ ފުރަތަމަ ހާފުގައި ގޯލު ޖަހާފައެވެ. ދެވަނަ ހާފުގައި މުހައްމަދު ސަލާހު ހަތަރުވަނަ ގޯލު ޖަހައި، ސަޕޯޓަރެއްގެ ފޯނުން ސެލްފީއެއް ނެގިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އަތުން ބައިކޮޅަށް ވަން ގޯލާއެކު މެޗު ނިމުނީ 5-1 އިންނެވެ.
ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަރޕޫލްއިން މި ސީޒަންގައި ވަނީ ލީގުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. ސީޒަން ނިމުމުގެ ހަތަރު މެޗު ކުރިން ޗެމްޕިއަންކަން ހޯދާފައިވާއިރު. ސްލޮޓްއަކީ ޕްރިމިއަރ ލީގު ތާރީޚުގައި ފުރަތަމަ ސީޒަންގައި ޗެމްޕިއަންކަން ހޯދި ފަސްވަނަ މެނޭޖަރެވެ.
މި ލިބުނު މޮޅާއެކު އެންފީލްޑްގައި ވަނީ ފޯރި ގަދަކޮށްލާފައެވެ. ކެނީ ޑަލްގްލިޝް އަދި އެލަން ހެންސެން ފަދަ ކުރީގެ ތަރިން ވެސް މި ސެލެބްރޭޝަންގައި ބައިވެރިވެފައިވެއެވެ. މިއީ 2020 ގައި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ފާހަގަނުކުރެވި ދިޔަ ޗެމްޕިއަންކަމުގެ ބަދަލުގައި ވެސް ފާހަގަކުރެވުނު ކަމެކެވެ.