އޭޝިއަން ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރުން އިރާނުގެ އިސްތިގުލާލްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމާއި ގުޅިގެން ރޮނާލްޑޯގެ ފޭނުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ރޭ ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ވެސް ލަނޑެއް ނުޖެހިއެވެ.
މި މެޗަށް އެކުލަވާލި ސްކޮޑުގައި އަލް ނަސްރުގެ ސުޕަރ ސްޓާރ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައި ނުވުމަކީ ގިނަ ސަޕޯޓަރުން ކަންބޮޑުވި ކަމެކެވެ. ސޯޝަލް މީޑިއާގައި ގިނަ ސަޕޯޓަރުން ދެކޭގޮތުގައި ރޮނާލްޑޯ ނެތުމަކީ އަލް ނަސްރަށް މޮޅުނުވެވުމުގެ މައިގަނޑު ސަބަބެވެ.
"ރޮނާލްޑޯ ކުޅުނުނަމަ މިއަދު ކަށަވަރުވެސް މޮޅުވީސް. އޭނާގެ ހުނަރާއި ތަޖުރިބާ ނެތުމަކީ ބޮޑު ގެއްލުމެއް، ރޮނާލްޑޯ ނެތި އަލް ނަސްރު ފެންނަނީ ހަމަ އާދައިގެ ޓީމެއްހެން”، ސަޕޯޓަރަކު ޓްވިޓަރގައި ލިޔުނެވެ.
ރޮނާލްޑޯ މި މެޗަށް ނުގެންދަން ނިންމީ 2023 ވަނަ އަހަރު އިރާނަށް ކުރި ދަތުރުގައި ދިމާވި ހާދިސާއަކާއި ގުޅިގެންކަން އެނގުމުން، ބައެއް ފޭނުން ވަނީ ޓީމުގެ ނިންމުމަށް ތާއީދުކޮށްފައެވެ. އެ ހާދިސާއަކީ އިރާނުގެ ޕާސޯ ޕޮލިސްއާއި ދެކޮޅަށް ކުޅެންދިޔަ ދަތުރުގައި އަލް ނަސްރު ޓީމު ތިބި ހޮޓަލުގައި އިރާނުގެ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން އާޓިސްޓެއްގެ ގައިގައި ބައްދައި ބޮސް ދިނުމުމެވެ. އެކަން ހިނގީ ހޮޓަލުގެ ލޮބީގައި މީޑިއާތަކުގެ ކުރިމަތީގައި ބޭއްވި ޕްރޮމޯޝަނަލް އިވެންޓެއްގައެވެ. ކުރެހުންތެރިޔާ ފާތިމާ ހަމާމީ ނަސްރަބާދީ އަކީ އާއްމުކޮށް އޭނާގެ ފައި ބޭނުންކޮށްގެން ފުޓްބޯޅަ ކުޅުންތެރިން ފޮޓޯ ކުރަހައި އުޅޭ އާޓިސްޓެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ފައިން ކުރަހައި އުޅޭތީއެވެ.
އިރާނުގެ ގާނޫނުގައިވާ ގޮތަށް ރޮނާލްޑޯގެ ޢަމަލަށް 99 އެތިފަހަރުން ހައްދު ޖެހިދާނެއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެވަނަ ލެގުގެ މެޗު މި މަހުގެ 10 ވަނަ ދުވަހު ސައުދީގައި އޮންނާނެއެވެ. ގިނަ ފޭނުން އުންމީދުކުރަނީ އެ މެޗުގައި ރޮނާލްޑޯ ބައިވެރިވެ، އަލް ނަސްރަށް ކާމިޔާބީ ހޯދައިދޭނެ ކަމަށެވެ.