މީރާ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އަައިޝަތު ޒީނާ | 276 ދުވަސް ކުރިން - 27 ފެބްރުއަރީ 2025 14:38
މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުޞަތު ހުޅުވާލުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުޞަތު ހުޅުވާލުން. / ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
ޚުލާސާ

ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ސަދަޤާތްކުރުން ހިމެނޭ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަން މިއަދު އިފްތިތާޙްކޮށްދެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަޤީޤަތަކަށް ހެދިގެންދިޔަކަމީ ވަރަށް އުފާކުރާކަމެއް ކަމަށާއި މިކަމަކީ ވަޒީރުގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށްޓަކައި މީރާއާއި ވުޒާރާގެ ކަމާއި ގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. 

މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާގައި ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއް ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަވާ ހަޤީޤަތަކަށް ހެއްދެވީތީ މީރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.

ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިންމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމްކުރުން ފަދަ މުހިންމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ޙައިރާތުގެ ގޮތުގައި ޞަދަޤާތް ކުރުމުގެ ފުރުޞަތު ހިމެނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%