ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް، ކުންފުނިތަކާއި މުވައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދިނުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ އާންމުކޮށް ނެރުނު އިޢުލާނެއްގައި ބުނީ، ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންޖެހެނެ ކަމަށެވެ.
އެހެންނަމަވެސް، އޮތޯރިޓީން ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ވަޒީފާދޭ ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިނުމުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން ފާއިތުވި އަހަރު ގިނަ ޝަކުވާތަކެއް ހުށަހެޅިފައި ވާކަމަށް އޮތޯރިޓީން ބުންޏެވެ.
އޮތޯރިޓީން އިތުރަށް ބުނީ، ރޯދަ މަހުގެ އިނާޔަތް ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށެވެ. މީގެ ތެރޭގައި ދާއިމީ މުވައްޒަފުންގެ އިތުރުން، ވަގުތީ މުވައްޒަފުންނާއި، ޤާނޫނުން ލިބިދޭ ޗުއްޓީތަކުގައި ތިބޭ މުވައްޒަފުން ވެސް ހިމެނޭ ކަމަށް އެ އޮތޯރިޓީން ހާމަކުރިއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރިޓީން ވަޒީފާދޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައި ވަނީ، 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިނުމަށެވެ. އަދި ރަމަޟާން މަސް ފެށޭއިރު ވަޒީފާ އަދާކުރާ ދިވެހި މުވައްޒަފުންނަށް މި އިނާޔަތް ލިބިފައި ނުވާނަމަ، އެކަމުގެ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް އޮތޯރިޓީން ބުންޏެވެ،





