ވަޒީފާއާ ގުޅިގެން ކުރާ މަސައްކަތެއްގެ ތެރޭގައި މީހެއްގެ ފުރާނަ ގޮސްފިނަމަ 1.46 މިލިޔަން ރުފިޔާއިން ފެށިގެން 15.4 މިލިޔަން ރުފިޔާއާ ހަމައަށް ބަދަލު ދެވޭނެކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
ލޭބަރ ރިލޭޝަންސް އޮތޯރޮތޯރިޓީން އެކުލަވާލާފައިވާ "މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤަވާޢިދު" ގައި ވަޒީފާއާ ގުޅިގެން ކުރާ މަސައްކަތަކުން މީހަކަށް ނުކުޅެދުންތެރިކަމެއް ލިބުމުން ނުވަތަ ފުރާނަ ގޮސްފިނަމަ ލިބިދެވޭނެ ބަދަލުގެ ތަފްސީލް ހިމަނާފައިވެއެވެ.
މި ޤަވާޢިދުގެ ދަށުން، މަސައްކަތުގެ ދާއިރާގައި ނުވަތަ މަސައްކަތާ ގުޅުންހުރި ޙާލަތެއްގައި މުވައްޒަފަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެކަމާ ގުޅިގެން ހިނގާ ޚަރަދުތަކާއި ލިބޭ ގެއްލުމުގެ ބަދަލު، އެ މުވައްޒަފަކަށް ނުވަތަ އޭނާގެ ޢާއިލާއަށް ލިބިދެވޭނެ ކަމަށް އޮތޯރިޓީން ބުންޏެވެ.
ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީފާގައި ލިބޭ އަނިޔާއާ ގުޅިގެން ނަގައިދެވޭ ބަދަލުގެ ތެރޭގައި ބޭސްފަރުވާގެ ޚަރަދު، ފަރުވާކުރަން ޖެހުމުން ވަޒީފާއަށް ނުނިކުމެ ހޭދަވާ ދުވަސްތަކަށް ލިބިދެވޭ އުޖޫރަ، އަދި ވަގުތީ އަދި ދާއިމީ ނުކުޅެދުންތެރިކަމަށް ލިބިދެވޭ ބަދަލު ހިމެނެކަމަށް އޮތޯރިޓީން ފާހަގަކުރިއެވެ.
އެގޮތުން، މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ހާލަތެއްގައި، އެންމެ މަދުވެގެން ބަދަލުގެ ގޮތުގައި 1.46 މިލިޔަން ރުފިޔާ ދޭންވާނެކަމަށާއި އަދި އެންމެ ގިނަވެގެން ދެވޭނީ 15.4 މިލިޔަން ރުފިޔާ ކަމަށް އޮތޯރިޓީން މައުލޫމާތު ދިނެވެ. މީގެ އިތުރުން، ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅުމުގެ އިންތިޒާމު މަސައްކަތް ހަވާލުކުރާ ފަރާތުން ހަމަޖައްސަންވާނެކަމަށްވެސް ޤަވާޢިދުގައި ބަޔާންކޮށްފައިވެއެވެ.
މި ޤަވާޢިދަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މަސައްކަތުގެ މާޙައުލުގައި ދިމާވާ ހާދިސާތަކުގައި އެކަށީގެންވާ ބަދަލު ލިބިދިނުމަށް އެކުލަވާލެވިފައިވާ ޤަވާޢިދެއް ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ފާހަގަކުރިއެވެ. އަދި މި ޤަވާޢިދުގެ ސަބަބުން މަސައްކަތްތެރިންނަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެކަމަށް އޮތޯރިޓީން ބުންޏެވެ.





