އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލުގެ އެއްވަނައިގައި އުޅޭ ލިވަޕޫލް، ބްރެންޓްފަޑްގެ ދަނޑުގައި 0-2 އިން މޮޅުވެއްޖެއެވެ. މި މެޗުގެ ދެ ލަނޑު ވެސް ޖެހީ ލިވަޕޫލްގެ ބަދަލު ކުޅުންތެރިޔާ ޑާވިން ނޫނޭޒްއެވެ.
މެޗުގެ ގިނަ ވަގުތު ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި ދިޔަ ނަމަވެސް، އިތުރު ވަގުތުގެ ފުރަތަމަ މިނެޓު (1+90) ގައި ނޫނޭޒް ލިވަޕޫލަށް ލީޑު ނަގައިދިނެވެ. އޭގެ ދެ މިނެޓު ފަހުން (3+90) ގައި ނޫނޭޒް ޖެހި ދެވަނަ ލަނޑާއެކު ލިވަޕޫލް މެޗުން މޮޅުވިއެވެ.
މި ކާމިޔާބީއާއެކު ލިވަޕޫލް ވަނީ މިހާތަނަށް ކުޅުނު 21 މެޗުން 50 ޕޮއިންޓް ހޯދައި، ތާވަލުގެ އެއްވަނައިގައި ހިފަހައްޓާފައެވެ. އަދި ބްރެންޓްފަޑް އުޅެނީ 28 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.








