ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި މިއަހަރު މިހާތަނަށް ދެއްކި އެންމެ ތަފާތު ބޮޑު ނަތީޖާއާއެކު ދެއްވަދޫ އިން ކޮލަމާފުށީގެ އަމިއްލަ ބާރު ކަނޑުވާލައިފިއެވެ.
މިރޭ ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކޮލަމާފުށި ކޮޅަށް ދެއްވަދޫ އިން 14 ގޯލު ޖަހާފައިވާއިރު ކޮލަމާފުއްޓަށް ދެއްވަދޫގެ ގޯލު ފޫއަޅުވާލެވުނީ އެންމެ ފަހަރަކުއެވެ.
ކޯޗު ބެންޖޯ ޓީމުގެ ކުޅުން ރާވާފައިވާ ގޮތުގެ ސަބަބުން ކޮލަމާފުއްޓަށް ލަނޑު ޖަހަން އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނެވެ. ކޮލަމާފުއްޓަށް ސުން ކަނޑުވާލެވުނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައެވެ.
Advertisement

ދެއްވަދޫ މިހާތަނަށް ކުޅުނު ދެ މެޗުގައިވެސް ފަހު ވަގުތު އެމީހުން ކޮޅަށް ގޯލެއް ވަތް ނަމަވެސް އެ ދެމެޗުން އެޓީމު ވަނީ ޖުމްލަ 20 ގޯލު ޖަހާފައެވެ. އަދި މިއީ މިހާތަނަށް އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ޓީމެވެ.
މިރޭ ދެއްވަދޫގެ ތިން ކުޅުންތެރިންގެ ހެޓްރިކް ފެނިގެން ދިޔައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުޒައިފަތު ހަތަރު ގޯލު ކާމިޔާބުކުރިއިރު އަހުނަފް ރަޝީދު (އަހުއްކޮ) އަދި ޝިފާޒް އާދިލް ވަނީ ތިން ގޯލު ޖަހާފައެވެ. މިގްދާދު ސައީދު ދެ ގޯލު ޖަހާފައިވާއިރު މުޙައްމަދު އިމްރާން (އިންމި) އަދި ނަސޫހް ސައީދު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ގޯލެއް ޖަހާފައެވެ. ކޮލަމާފުށީގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ އިސްމާއިލް މުސްއަބު ނަޖީބެވެ.
މި ގްރޫޕުގައި މިރޭ ދެން ކުޅުނު މެޗުގައި ވިލިނގިލިން ވަނީ މާމެންދޫ މައްޗަށް 0-2 އިން ކުރި ހޯދާފައެވެ. ވިލިނގިލީގެ ލަނޑުތައް ޖަހާފައިވަނީ ހުސައިން މިފްރާހު ވަހީދާއި މުޙައްމަދު ޝުހާނެވެ.
މި ގްރޫޕުގެ ފުރަތަމަ މެޗުގައި ދެއްވަދޫ އާއި ވިލިނގިލި ކުޅުނު މެޗު ދެއްވަދޫ އިން މޮޅުވީ 6-1 އިންނެވެ. އަދި ކޮލަމާފުއްޓާއި މާމެންދޫ ބައްދަލުކުރި މެޗު ނިމުނީ 2-1 އިން މާމެންދޫ މޮޅުވެގެންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެއްވަދޫ އިން މާމެންދޫއާ ދެކޮޅަށް ނިކުންނައިރު ވިލިނގިލިން ނިކުންނާނީ ކޮލަމާފުއްޓާ ދެކޮޅަށެވެ.







