ޓްރޭޑްނެޓް ކޯޕަރޭޝަނުން އިތުރު ޚިދުމަތްތަކާއެކު "ވަންގަވް"ގެ އައު އެޕްލިކޭޝަން މި މަހުގެ ތެރޭގައި އިފްތިތާހްކުރާނެ ކަމަށް ޓްރޭޑްނެޓް ކޯޕަރޭޝަންގެ ޗެއަރމަން ސިޔާހް ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސިޔާހް ވިދާޅުވީ "ވަންގަވް" އަކީ ސަރުކާރުގެ އެކި އިދާރާތަކުން ކުރިން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް އެއް ތަނަކުން ލިބޭ ގޮތަށް ތަރައްޤީކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށެވެ. މި ޒަމާނީ އަދި ލުއިފަސޭހަ ނިޒާމާއެކު، ސަރުކާރުގެ އެކި އޮފީސްތަކަށް އެކި ކަންކަމުގައި ދިއުމާއި އެކި ކަންކަމަށް އެދި ހުށަހެޅުން ވަނީ ނިމުމަކަށް އައިސްފައިކަމަަށް ވެސް ސޮޔާހް ވިދާޅުވިއެވެ.
ސިޔާހް ވިދާޅުވީ، "ވަންގަވް" ޕޯޓަލް 2.0 މި މަހުގެ ތެރޭގައި އިފްތިތާހްކުރެވޭނެކަމަށެވެ. އަދި "ވަންގަވް ޓޫ ޕޮއިންޓް އޯ ލޯންޗްކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި ލޯންޗްކުރެވިގެންދާނެކަމަށާއި އެއީ އޭއައި އިންޓަގްރޭޓެޑް، ބެޓަރ ޔޫއައި، އެންހޭންސް ނިއު ފީޗަރވެސް އޭގެތެރޭގައި ހިމެނިގެންދާނެ" ކަމަށްވެސް ސިޔާހް ވިދާޅުވިއެވެ.
މި އަޕްގްރޭޑް ކުރެވޭ ޕޯޓަލްގައި އިތުރު އައު ފީޗަރތަކެއް ހިމެނޭނެ ކަމަށާއި، މިކަމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސިޔާހް ފާހަގަކުރެއްވިއެވެ.
އަދި ސިޔާހް ވިދާޅުވި ގޮތުގައި، މިހާރުވެސް "ވަންގަވް" މެދުވެރިކޮށް 13 އެޖެންސީއަކުން 300 އަށްވުރެ ގިނަ ޚިދުމަތްތައް ދެމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި "ވަންގަވް" މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކުގެ އަދަދު އިތުރުވާނެ ކަމަށެވެ.
މި އައު އެޕްލިކޭޝަން ތަޢާރަފުކުރުމާއެކު، ސަރުކާރުގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒްވެ، ރައްޔިތުންނަށް ފަސޭހައިން އަދި އަވަހަށް ޚިދުމަތް ލިބިގަތުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސިޔާހް ވިދާޅުވިއެވެ.





