ރާއްޖޭގެ މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން އެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކުރުމަށް ސްކޮލަރޝިޕްގެ ދެ ފުރުޞަތު މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް) އިން މިއަދު ހުޅުވާލައިފިއެވެ.
އެމްއެސްއެސް އިން ކުރި އިޢުލާނުގައި ބުނީ އެ ކުންފުނީގެ ސްކޮލަރޝިޕް ޕްރޮގްރާމް "ކަލާސީން"ގެ ދަށުން ހުޅުވާލި މި ފުރުޞަތުގައި މެލޭޝިއާގައި ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. އެއީ، ޑިޕްލޮމާ އިން މެރިން އިންޖީއަރިން ކިޔެވުމުގެ ފުރުޞަތަކާއި ޑިޕްލޮމާ އިން ނޯޓިކަލް ސްޓަޑީސް ކިޔެވުމުގެ ފުރުޞަތެކެވެ.
އެ ކޯސްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި އޯ-ލެވެލް ފަސް މާއްދާއިން ފާސްވެފައި ވުމާއި ސިއްޙީ އެއްވެސް މައްސަލައެއް ހުރި މީހަކަށް ނުވުން އަދި ލޮލުގެ ފެނުމުގައި އެއްވެސް މައްސަލައެއް ހުރި މީހަކަށް ނުވުން ހިމެނެ އެވެ.
އެމްއެސްއެސް އިން ބުނީ މި ސްކޮލަރޝިޕްގެ މުއްދަތަކީ ތިން އަހަރާއި ހަތަރު މަސްދުވަސް ކަމަށެވެ.
ކޯސް ފުރިހަމަކުރުމަށް ފަހު އެމްއެސްއެސްގައި މަދުވެގެން 18 މަސްދުވަހު މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ،
މި ދެ ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހެވެ.






