އެމްއެސްއެސްގެ ދަތުރުތައް އިންޑޮނޭޝިއާއަށް ފެށުމަށް ތައްޔާރު

އައިޝަތު ރުވާ ރިފްޢަތު | 438 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2024 15:19
ފޮޓޯ: މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)
ފޮޓޯ: މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)
ޚުލާސާ

މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގްރެފީން. އެމްއެސްއެސްއިން މެލޭޝިއާއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހު ކަމަށްވާއިރު މިހާރު ވަނީ އިންޑޮނޭޝިއާވެސް ލިސްޓަށް އިތުރުވެފަ

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިންޑޮނޭޝިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްއެސްއެސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުތައް ކުރާނީ އިންޑޮނޭޝިއާގެ ބެލަވަންއިން މެލޭޝިއާގެ ޕޯޓު ކިލާންގް އަދި ސްރީލަންކާގެ ކޮލޮމްބޯއަށެވެ.

މި ދަތުރުތަކުގައި ބޭނުންކުރާނީ އެމްއެސްއެސްގެ އަމިއްލަ ބޯޓު، އެމްއެސްއެސް ގްރެފީންއެވެ. އެމްއެސްއެސްއިން މެލޭޝިއާއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަދި މިހާރު މި ދަތުރުތަކަށް އިންޑޮނޭޝިއާވެސް އިތުރުކޮށްފައިވެއެވެ.

އެމްއެސްއެސްއިން ބުނިގޮތުގައި، މުދާތައް ކޮލޮމްބޯއަށް ގެނައުމަށްފަހު އެމްއެސްއެސްގެ ކޮލޮމްބޯއިން މާލެ ދަތުރުކުރާ ބޯޓުތަކުގައި ރާއްޖެއަށް ފަސޭހަކަމާއެކު މުދާ ގެނެވޭނެއެވެ.

އެމްއެސްއެސްގެ ޗީފް ކޮމާޝިއަލް އޮފިސަރ ތަހާ މުޙައްމަދު ވިދާޅުވީ، މި އައު ރޫޓަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ދަތުރުގެ 70 އިންސައްތަ މިހާރު ވަނީ ފުރިފައެވެ.

އެމްއެސްއެސްގެ ފްލީޓުގައި 5 ބޯޓު އޮވެއެވެ. މިހާރު އެކުންފުނިން ދަތުރުތައް ކުރަމުންދަނީ މެލޭޝިއާއިން ކޮލަމްބޯއަށް، ކޮލޮމްބޯއިން މާލެއަށް އަދި ދުބާއީން މާލެއަށެވެ. މީގެ އިތުރުން، އެމްއެސްއެސްއިން ޝެޑިއުލްކޮށް މާލެއިން އައްޑޫ ސިޓީއަށް ވެސް ދަތުރުތައް ކުރަމުންދެއެވެ.

އެމްއެސްއެސްގެ އެޖެންޖެންޓުން ދުނިޔޭގެ 30 އަށްވުރެ ގިނަ ބަނދަރުގައި ތިބޭއިރު، އެކުންފުނީގެ ކޮންޓެއިނަރގެ އަދަދު 2500 އަށްވުރެ ގިނައެވެ. އެމްއެސްއެސްއިން ބުނީ، ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ރާއްޖެއަށް މުދާ ގެނައުމުގެ ޤާބިލްކަން އެކުންފުނީގައި މިހާރު ހުރި ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%