ށ. ކޮމަންޑޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ރިވެޓްމަންޓް ކާބް ސްޓޯން ޖެހުމުގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ދެއްވި މަޢުލޫމާތުގައި، ކޮމަންޑޫ ބަނދަރު ރެކްޓިފިކޭޝަންގެ ވޭރިއޭޝަން ފާސްވުމާއެކު، އެ މަސައްކަތް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިލައިގެ ރިވެޓްމަންޓްގެ މަސައްކަތް ފުރިހަމަކުރެވި، ޖިއޯ ބޭގް ރިވެޓްމަންޓްގެ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެހައި ތައްޔާރީތައް ފުރިހަމަކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މަތި ކޮމަންޑޫ ހިއްކުމުގެ މަޝްރޫޢުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި، 200 މީޓަރު ދިގުމިނުގެ ބުރިޖަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި 3,182 މީޓަރުގެ ރިވެޓްމަންޓްއެއް ޖެހުމާއި، 353 މީޓަރުގެ ގްރޮއިންސް ހަރުކުރުމާއި، 30 މީޓަރުގެ ބޭރުތޮށީގެ ރެކްޓިފިކޭޝަން މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.






