އެމްޓީސީސީން މާލެ ސަރަހައްދުގައި ދެމުންގެންދާ އާރްޓީއެލް ބަހުގެ ޚިދުމަތް ފަތިހު 5:00 އަށް ބަދަލުކުރުމަށް ނިންމައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.
މި ބަދަލު ގެނެވުނީ ކަސްޓަމަރުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށްކަމަށް އެމްޓީސީސީން ބުނެއެވެ..
އެކުންފުނިން ބުނީ މިއަންނަ އާދިއްތަ ދުވަހުން ފެށިގެން އާރް1، އާރް2، އާރް6، އާރް7، އާރް8، އާރް10، އާރް11 އަދި އާރް12 ރޫޓްތަކުގެ ދަތުރުތައް ފެށޭ ގަޑި އަވަސްކުރެވޭނެ ކަމަށެވެ. މީގެ ކުރިން މި ދަތުރުތައް ފެށެމުން ދިޔައީ ހެނދުނު 6:00 ގައެވެ.
މާލެ ސަރަޙައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މި ބަދަލާއި ގުޅިގެން ގިނަ ބަޔަކަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވެއެވެ.
އެމްޓީސީސީން މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރުކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ބަދަލާއެކު ވަޒީފާއަށް ދާ މީހުންނަށާއި، ސްކޫލަށް ދާ ދަރިވަރުންނަށް ފަސޭހަވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.







