ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ދެ ގޯލާއެކު އަލްނަސްރުން ދަމާކް 2-0 އިން ބަލިކޮށްފިއެވެ. މި މެޗާއެކު އަލްނަސްރު ވަނީ 12 މެޗުން 25 ޕޮއިންޓް ހޯދައި، ލީގުގެ ތިންވަނައިގައި ހިފަހައްޓާފައެވެ.
މެޗުގެ ފުރަތަމަ ގޯލު ރޮނާލްޑޯ ޖެހީ 17 ވަނަ މިނެޓުގައި ދަމާކްގެ އަބްދުލްޤާދިރު ބެދްރާނެގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުންނެވެ. ރޮނާލްޑޯ ވަނީ އޭނާގެ މަޝްހޫރު ސެލެބްރޭޝަން ދައްކާލުމާއެކު މި ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްފައެވެ.
ރޮނާލްޑޯ މި މެޗުގެ ދެވަނަ ގޯލު ޖެހީ މެޗު ނިމުމުގެ 10 މިނެޓް ކުރިންނެވެ. ނަވާފް ބޫޝަލް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ މި ގޯލު ޖެހީ ވާތު ފައިން ފޮނުވާލި އުންޑައެއް ކަހަލަ ބާރުގަދަ ޝޮޓަކުންނެވެ. މިއީ މި ސީޒަނުގައި ރޮނާލްޑޯ ލީގުގައި ޖެހި 9 ވަނަ ގޯލެވެ.
މި މެޗުގައި ދަމާކްގެ އަބްދުލްޤާދިރު ބެދްރާނެ ވަނީ ރަތް ކާޑު ދައްކައި މެޗުން ބޭރުކޮށްފައެވެ. އެއީ 55 ވަނަ މިނެޓުގައި މުހައްމަދު ސިމަކާނަށް ނުރައްކާތެރި ޓެކްލްއެއް ކުރުމުންނެވެ.
މި މޮޅުވުމާއެކު އަލްނަސްރު ވަނީ ލީގު ޓޭބަލްގެ އެއްވަނައިގައިވާ އަލްއިއްތިހާދާއި ދެމެދު އޮތް ފަރަގު 5 ޕޮއިންޓަށް ކުޑަކޮށްފައެވެ. އަދި ދެވަނައިގައިވާ އަލްހިލާލާ ދެމެދު އޮތް ފަރަގު 3 ޕޮއިންޓަށް ކުޑަކޮށްފައެވެ.