އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ދިވެހިރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިން ޕެކޭޖެއް ދޫކޮށްފިއެވެ.
މި ފައިސާ ދޫކޮށްފައިވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިކަން ހޯދުމަށް ފިޔަވަޅު އެޅުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށެވެ.
އޭޑީބީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި، މި ފައިނޭންސިން ޕެކޭޖްގެ ތެރެއިން ހަތަރު މިލިއަން ޑޮލަރު ދޫކުރަނީ ލޯނެއްގެ ގޮތުގައެވެ. އަދި 17.95 މިލިއަން ޑޮލަރު ދޫކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ދޭ ގްރާންޓެއްގެ ގޮތުގައެވެ.
މި ފައިސާ ބޭނުންކުރާނީ ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކުން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅުތައް ވަރުގަދަކުރުމަށާއި ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިވިކަން ހޯދުމުގެ މަސައްކަތްތަކަށް ކަމަށް އޭޑީބީން ބުންޏެވެ.
ކާރިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) ގައި މިހާރު ހުރި ވަސީލަތްތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުން ހިމެނެއެވެ. މީގެ އިތުރުން ރިއަލް ޓައިމް ވެދަރ މޮނިޓަރިން ނިޒާމަކާއި އާލީ ވާނިން ސިސްޓަމެއް ވެސް ޤާއިމްކުރެވޭނެއެވެ. އަދި ރާއްޖޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމަށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންދެވޭނެއެވެ.
ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިވިކަން ހޯދުމަށްޓަކައި، ކްލައިމެޓް ސްމާޓް އާބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކުރެވޭނެއެވެ. އަދި މި ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދެވޭނެ ކަމަށް ވެސް އޭޑީބީން ފާހަގަކުރިއެވެ.










