އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފިއެވެ.
އިއްޔެ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިޤް އިބްރާހީމާއި އޭޑީބީގެ ފެނާއި އަރބަން ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ މަނޯޖް ޝަރްމާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އޭޑީބީގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކާއި، ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާގައި ކުރިއަށް އޮތްތަނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ވަޒީރު ތޯރިޤް ވިދާޅުވީ، އޭޑީބީގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަންފީޛު ކުރެވެމުންދާ މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބެމުންދާ ފައިދާތަކަށް ސަރުކާރުން ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުނި މެނޭޖްކުރުމާއި ހަކަތައިގެ ދާއިރާގައި އިތުރު މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.
މަނޯޖް ޝަރްމާ ވިދާޅުވީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ހޯދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް އޭޑީބީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު މަޝްރޫޢުތައް ރޭވުމުގައި ގާތުން މަސައްކަތް ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.










