ސައުދީ ޕްރޯ ލީގު 2024-25 ގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރު އެންމެ ފަހުން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އަލް އަވަލް ޕާކުގައި ކުޅުނު ފޯރިގަދަ މެޗުގައި އަލް ނަޞްރާއި ދެކޮޅަށް ހިލާލް ނުކުތީ މުބާރާތުގެ ޤަވާޢިދު ބުނާގޮތުން ނޭމާއާއި ނުލައެވެ.
މިމެޗުގައި ހިލާލްގެ ގޯލު ނަޞްރުން ފޫއަޅުވާލީ ފުރަތަމަ މިނެޓުގައެވެ. މިގޯލު ޓަލިސްކާ ޖަހައިދިނީ އޮޓާވިއޯ ދިން ހުރަހަކުންނެވެ. ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އިސްކޮށް ހުރެ އަލް ނަޞްރު ކުޅުނު ނަމަވެސް، އަލް ހިލާލްގެ ވަރުގަދަ ޑިފެންސްގެ ސަބަބުން އިތުރު ލަނޑެއް ނުޖެހުނެވެ.
ދެވަނަ ހާފުގައި އަލް ހިލާލްގެ ކުޅުން ވަރަށް ރަނގަޅުކުރިއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލޯޑީ ދިން ބޯޅައެއް ބޮލުން ޖަހައި މިލިންކޯވިޗް-ސާވިޗް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ފަހު މިނެޓްތަކުގައި ދެ ޓީމުން ވެސް މޮޅުވުމަށް މަސައްކަތްކުރި ނަމަވެސް، އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ރޮނާލްޑޯ، ސާޑިއޯ މާނޭ އަދި މާސެލޯ ބްރޮޒޮވިޗް ވަނީ ވަރަށް ރަނގަޅަށް ކުޅެފައެވެ.
ރޮނާލްޑޯ އެތައް ފަހަރަކު ގޯލެއް ޖެހޭތޯ މަސައްކަތް ކުރިއެވެ. އޭގެ ތެރޭގައި 75 ވަނަ މިނެޓުގައި ދުރުން ފޮނުވާލި ބާރު ޝޮޓެއްގައި އަލް ހިލާލްގެ ކީޕަރު ބޯނޯގެ މަތަކުރިކަން ފާހަގަކުރެވެއެވެ. ފުރަތަމަ ހާފުގައި ބޮކްސްގެ އަރިމަތިން މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައެއްވެސް ގޯލަށް ވަރަށް ނުރައްކާ ކުރިއެވެ.
ކަނާތު ވިންގުގައި މަސައްކަތްކުރި މާނޭ އޭނާގެ ސްޕީޑް ބޭނުންކޮށްގެން އަލް ހިލާލްގެ ޑިފެންސިވް ލައިންތަކުގެ ތެރެ ތޮރުފައި ރީތި ދެ ފުރުސަތު ތަނަވަސްކޮށްދިނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ހިލާލްގެ ޑިފެންޑަރުން ކައިރިން ނައްޓައިލުމަށްފަހު އޮޓާވިއޯ އަށް ދިން ރަނުގެ ފުރުސަތުވެސް ވީ ބޭކާރެވެ.

މި ނަތީޖާގެ ސަބަބުން ދެ ޓީމު ވެސް ލީގުގެ އެއްވަނަ ހޯދުމަށް ވާދަކުރަމުންދާއިރު، މި ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ ވާދަވެރިކަން އިތުރުވެފައިވާކަން ފާހަގަ ކުރެވެއެވެ.









