ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބައްދަލު ކުރުމަށް ޗައިނާއިން ބައިސްކަލެއްގައި 13000 ކިލޯމީޓަރަށް ދުއްވާފައި އޭނާގެ ފޭނެއް ސައޫދީއަށް ދަތުރުކޮށް ރޮނާލްޑޯއާއި ބައްދަލުކޮށްފިއެވެ.
އުމުރުން 24 އަހަރުގެ ގޮންގް ނަމަކަށް ކިޔާ ޗައިނާގެ ޒުވާނާ ރޮނާލްޑޯ އާއި ބައްދަލު ކޮށްލުމަށް ސައޫދީއަށް ދިޔައީ، ރޮނާލްޑޯ ޗައިނާއަށް އައުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލް ކުރުމާއި ގުޅިގެން ހަމަލޮލުން ރޮނާލްޑޯ ނުފެނިދާނެތީއެވެ. ޗައިނާގެ މި ޒުވާނާ ބައިސްލަކުގައި ސައޫދީއަށް ދިޔުމަށް ބައިސްކަލުގައި ކުރި ދަތުރަށް މުޅި ޖުމްލަ 7 މަސް ހޭދަކޮށްފައިވާ ކަމަށް ގޮންގް ބުނެފައިވެއެވެ. ސައުދީގެ ވެރިރަށް ކަމުގައިވާ ރިޔާދަށް އައުމަށް ކޮށްފައިމިވާ ދަތުރުގައި މި ޒުވާނާ ވަނީ ކަޒަކްސްތާން، ޖޯޖިއާ، އިރާން އަދި ޤަތަރު ފަދަ ޤައުމުތަކަށް ބައިސްކަލުގައި ގޮސްފައެވެ.
މި ޒުވާނާގެ މިދަތުރުގެ ވާހަކަ އެނގުނު ހިސާބުން ރޮނާލްޑޯގެ ޓީމުން ވަނީ މި ޒުވާނާ އާއި ރޮނާލްޑޯއާއި ބައްދަލުވެވޭނެ ގޮތް ހަމަޖައްސައިފައެވެ. އެގޮތުން ރޮނާލްޑޯގެ އަލް-ނަޞްރު ފުޓްބޯލް ކުލަބުގެ ބޭރުން ވަނީ ގޮންގް އާއި ރޮނާލްޑޯ ބައްދަލު ކޮށްދީފައެވެ. މި ބައްދަލުވުމުގައި ރޮނާލްޑޯ ވަނީ ގޮންގްއަށް އޭނާގެ ޖޯޒީއެއްގައި ސޮއިކޮށް، އޭނާ އާއި އެކީ ފޮޓޯތަށްވެސް ނަގައި ވާހަކަ ވެސް ދައްކާފައެވެ. މީގެ އިތުރުން ގޮންގުގެ ރައްޓެހިންނަށް ދައްކާލުމަށް އެމީހުންގެ ނަންތަށް ޖެހުމަށް ފަހު ރޮނާލްޑޯގެ ފަރާތުން އެމީހުންނަށް ދޭން ބޭނުންވާ މެސެޖެއް ލިޔެ އެ ބެނާއާއި އެކީވެސް ވަނީ ފޮޓޯ ނަގާފައެވެ.
ގޮންގް މިކުރި ދަތުރުގައި އޭނާއަށް ވަނީ އެކި ކަހަލަ އަނިޔާތަކެއް ލިބިފައެވެ. އަދި އެކި ޤައުމުތަކަށް ދިޔައިރު އެތަނުގެ ބަސް ނޭނގުމާއި އެތަނުގެ ކާނާ އާއި މަޑު ކުރާނެ ތަނެއް ނެތިގެންވެސް ވަރަށް ޙާލުގައި އުޅުނު ކަމަށް ރިޕޯޓްތަކުން ހާމަވެގެންދެއެވެ.
ކިތަންމެގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ގޮންގް މިހާރު މިވަނީ އޭނާ އެދަތުރު އައި މަޤްޞަދު ޙާޞިލްކޮށްފައެވެ. އޭނާ ރޮނާލްޑޯ ކައިރިއަށް ދިޔުމަށް ނިންމީ، ޗައިނާއަށް ދިޔުމަށް ރޮނާލްޑޯ ކޮށްފައި އޮތް ޕްލޭން އަނިޔާގެ ސަބަބުން ކެންސަލް ކޮށްލުމާއި ގުޅިގެން ކަމަށް ގޮންގް ބުނެފައިވެއެވެ.









