މިއަދުގެ ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރާއި އަލް ހިލާލް ބައްދަލުކުރާ މެޗުގައި އެ ޓީމުގެ ތަރި ނޭމާ އަށް ނުކުޅެވޭނެއެވެ. ރޮނާލްޑޯއާއި ދެކޮޅަށް މިރޭ ނޭމާއަށް ނުކުޅެވެނީ ސައުދީ ޕްރޯ ލީގުގެ ޤަވާއިދުތަކުގެ ސަބަބުންނެވެ. ޤަވައިދުގައި އޮންނަނީ ކޮންމެ ޓީމެއްގެ ލިސްޓުގައި ޖެހޭނީ ބިދޭސީ ދިހަ ކުޅުންތެރިން ކަމަށެވެ. އަލް ހިލާލް އިން ލިސްޓު ފޮނުވިއިރު 10ވަނަ ކުޅުންތެރިޔަކަށް އޮތީ ބްރެޒިލްގެ ޑިފެންޑަރު ރެނާން ލޯޑީއާ ޖަހައިފައެވެ. ސަބަބަކީ އޭރު ނޭމާ އަނިޔާގައި ހުރުމުންނެވެ. 

2023 ވަނަ އަހަރުގެ އޮގަސްޓް މަހު ނޭމާ އަލް ހިލާލްއާ ގުޅުނު ނަމަވެސް ލީގުގައި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު ބުނާ ގޮތުން ޖެނުއަރީ މަހުގެ ޓްރާންސްފާ ވިންޑޯ އަލުން ހުޅުވާންދެން ސައުދީ ލީގުގެ މެޗުތަކުގައި ބައިވެރި ނުވެވޭނެ އެވެ. ނަމަވެސް ތަފާތު ޤަވާޢިދުތައް ޢަމަލުކުރާ އޭއެފްސީ ޗެމްޕިއަންސް ލީގުގައި ނޭމާއަށް އަދިވެސް ކުޅެވޭނެއެވެ. އެ މުބާރާތުގައި އަލް ހިލާލް ކުޅޭ މެޗު އޮންނާނީ މިމަހުގެ ހަތަރެއްގައެވެ.