ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެމެރިކަން އެއާލައިނުން އަނިޔާ ލިބޭތީ ކަމަށް ބުނެ އަމިއްލަ ޖަމްޢިއްޔާއަކުން އެ އެއާލައިނާއި ދެކޮޅަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން 50 މިލިއަން ޑޮލަރުން އެމެރިކަންއެއާލައިން ޖޫރިމަނާ ކޮށްފިއެވެ.
ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިގޭގް ވިދާޅުވީ އެމެރިކަން އެއާލައިންސް އަކީ ވަރަށް ބޮޑަށް ކުށްވެރިވާ އެއް އެއާލައިން ކަމަށް ފެންނަ ނަމަވެސް ތަޙުޤީޤުކުރާ ފަރާތްތަކަށް ފެނިފައިވާ މައްސަލަތަކަކީ ހަމައެކަނި އެއް އެއާލައިނަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫނެވެ.
އޭނާއާއި ޙަވާލާދީ ނޫސްތަކުގައިވަނީ އެމެރިކަން އެއާލައިނުގެ މުވައްޒަފަފުން ބެގޭޖް ރޭމްޕުން މުދާ ބާލާއިރު ވީލްޗެއަރތައް ވެއްޓިފައިވާ ކަމަށާއި، އެކަމުގެ ހެކި އަމިއްލަ ޖަމްޢިއްޔާއަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއީ ނުކުޅުދުންތެރިކަންހުންނަ ފަރާތްތަކާއިމެދު ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ. އެގޮތަށް ވީލްޗެއާތައް ވެއްޓުމުން އޭގެ ފެންވަރު ދެރަވެ އޭގެ ބޭނުންކުރާ ބަލިމީހުންނަށް އަނިޔާވެފައިވާކަމުގެ ޝަކުވާތައް ގިނަޢަދަދަކަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ޑިޕާޓްމަންޓުން އެހެން އެއާލައިންތަކާ ގުޅޭ ގޮތުން ވެސް މިފަދަ ތަޙުޤީޤުތައް ކުރަމުންދާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކުގެ ނަން އަދި ހާމަކުރެވެން ނެރް ކަމަށެވެ.
"މަތިންދާބޯޓުތަކުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ތަޙައްމަލު ކުރުމުގެ ޒަމާން ނިމިއްޖެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބުޓިގް ވިދާޅުވި އެވެ.
އެމެރިކަން އެއާލައިންސްއަށް ދޭ އަދަބަކީ ނުކުޅެދުންތެރިކަން ހުންނަ ފަސިންޖަރުން ހިމާޔަތްކުރާ ޤާނޫނުތަކާ ހިލާފަށް އެ އެއާލައިނުން ޢަމަލުކޮށްފައިވާތީ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓޭޝަނުން އެހެން އެއާލައިންތަކަށް ދީފައިވާ އަދަބަށް ވުރެ މާ ހަރުކަށި އަދަބެކެވެ. މީގެ ކުރިން ރެކޯޑް އަދަދަކަށް ޖޫރިމަނާ ކޮށްފައިވަނީ 2016 ވަނަ އަހަރު ޔުނައިޓެޑް އެއާލައިންސްއެވެ. އެއީ 20 މިލިއަން ޑޮލަރުންނެވެ.









