އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލުން ޗެލްސީ ބަލިކޮށްފިއެވެ. މެޗު ފަށައިގެން ވެސް ރަނގަޅަށް ކުޅުނު ޗެލްސީ، ލިވަޕޫލުން ބަލިކުރީ ދެލަނޑު އެއް ލަނޑުންނެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޖެހީވެސް ލިވަޕޫލުންނެވެ. މެޗުގެ 29 ވަނަ މިނިޓުގައި ޗެލްސީގެ އޭރިޔާ ތެރެއިން ކަރޓިސް ޖޯންސް އަށް ޗެލްސީގެ ޑިފެންޑަރ ލެވީ ކޮލްވިލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ލިވަޕޫލް ފުރަތަމަ ގޯލު ކާޟިޔާބުކުރިއިރު، މި ގޯލު ޖަހައިދިނީ މުޙައްމަދު ސަލާޙުއެވެ.
އޭގެ ފަހުން ވެސް ޗެލްސީގެ ކީޕަރު ސަންޗެޒް ލިވަޕޫލްގެ ޖޯންސް އަށް ފައުލް ކޮށްގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދިނުމަށްފަހު ވީޑިއޯ ބަލައި އެ ނިންމުން ބަދަލުކޮށްފަ އެވެ.
ލިވަޕޫލުން ކުރި ހޯދާފައި އޮއްވައި ފަހު ހާފްގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ.
ނަމަވެސް މި ނަތީޖާ ބަދަލުކޮށްލަން ލިވަޕޫލުން ނެގީ އެންމެ 3 މިނެޓެވެ. މި ލަނޑު ޖަހައިދިނީ ކަރޓިސް ޖޯންސް އެވެ.
މި މޮޅާއެކު ތާވަލުގެ 1 ވަނަ ލިވަޕޫލުން ހޯދީ ކުޅުނު 8 މެޗުން 21 ޕޮއިންޓާއެކުއެވެ. މެންޗެސްޓަރ ސިޓީ އަށް 8 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު,
ޗެލްސީ އޮތީ 8 މެޗުން ލިބުނު 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގަ އެވެ.









