އެންފީލްޑްގައި ރޭ ކުޅުނު އިނގިރޭސި ލީގު ކަޕުގައި ވެސްޓްހަމް ޔުނައިޓެޑް އަތުން 5-1 އިން މޮޅުވެ ލިވަޕޫލުން ކަރަބައޯ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރު ކޮށްފިއެވެ. ޖެރެލް ކުއަންސާގެ އަތުން ބައިކޮޅަށް ވަން ގޯލަކުން ވެސްޓްހޭމް ސުން ކަނޑުވާލިއިރު، އޭގެ ހަތަރު މިނެޓު ފަހުން ޑިއޯގޯ ޖޮޓާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިންމާލީ މި ނަތީޖާގައި އޮވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތަނާ މާގިނަ އިރެއް ނުވެ ޖޮޓާ އޭނާގެ ދެވަނަ ލަނޑު ޖަހައި ލިވަޕޫލަށް ލީޑު ނެގިއެވެ. އެއީ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މި ގޯލު ޖަހަން އެހީތެރިވެދިނީ ކަރޓިސް ޖޯންސް އެވެ. މެޗުގެ 75 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލްގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
ވެސްޓްހަމްގެ އުންމީދުތައް ފުނޑުފުނޑުވެގެން ދިޔައީ މެޗުގެ 76 ވަނަ މިނެޓުގައި އެޑްސަން އަލްވާރޭޒް ސަލާހު އަށް ކުރި ފައުލަކާ ގުޅިގެން ރަތްކާޑަކާއިއެކު ދަނޑޫން ފައިބާން ޖެހުމުންނެވެ. އެކަކު މަދުން ކުޅެން ޖެހުމުން އޭގެ ފައިދާ ނަގައި ލިވަޕޫލުން އިތުރު ދެ ގޯލު ޖެހިއެވެ. މި ދެގޯލު ވެސް ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. އެއީ 90 ވަނަ މިނެޓުގައި ގޯލަކާއި އެއަށްފަހު ދެއްކި އިތުރު މިނެޓުގެ ތިންވަނަ މިނެޓުގައި ޖެހި ގޯލެވެ.









