ފިލިޕީންސްގައި އެމްޕޮކްސް ބަލީގެ ކޭސްތައް އިތުރުވަމުން ދާ ކަމަށް އެ ޤައުމުގެ ސިއްޙީ ވަޒީރު ޓިއޯޑޯރޯ ހަރބޯސާ ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް 18 މީހުންނަށް މި ބަލި ޖެހިފައިވާއިރު، ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެދާނެ ކަމަށް ބެލެވެއެވެ.
ހަރބޯސާ އިތުރަށް ވިދާޅުވި ގޮތުގައި މި 18 މީހުންގެ ތެރެއިން 5 މީހުން ވަނީ ފަސޭހަވެ، އެކަހެރިކުރުމުން ދޫކޮށްލާފައެވެ. އަދި 11 މީހުން ދަނީ ގޭގައި އެކަހެރިކުރެވިގެން ފަރުވާދެމުންނެވެ. މި 18 ކޭސްގެ ތެރެއިން އެއްވެސް މީހެއްގެ ފުށުން އެހެން މީހަކަށް ބަލި ފެތުރިފައި ވޭތޯ ދަނީ ބަލަމުންނެވެ.
މީގެ އިތުރުން، ފިލިޕީންސްގައި ޑެންގީ ހުމުގެ ކޭސްތައްވެސް މިއަހަރު 68 އިންސައްތަ އިތުރުވެފައިވާ ކަމަށް ހަރބޯސާ ވިދާޅުވިއެވެ. މިހާތަނަށް 208،000 ކޭސް ރިޕޯޓުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޕޮކްސްއަކީ ގައިގޯޅިވުމުން ފެތުރޭ ބައްޔެކެވެ. އަދި ބަލި ޖެހިފައިވާ މީހަކު ބޭނުންކުރި ތަކެތި، އެނދުފަދަ ތަކެތި، އަންނައުނު އަދި ތުވާލި ފަދަ ތަކެތި ބޭނުންކުރުމުންވެސް ބަލި ފެތުރިދާނެއެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފްލޫ ކަހަލަ އަލާމާތްތަކާއި ފާރުވެ، ނަގާ ފޮޅުތައް ހިމެނެއެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ވަނީ 2022 ވަނަ އަހަރުގެ އޯގަސްޓް 14 ވަނަ ދުވަހު އެމްޕޮކްސް އަކީ ބައިނަލްއަޤްވާމީ ކަންބޮޑުވުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް މިއީއީ އައު ކޮވިޑެއް ނޫން ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައިވެއެވެ.



