މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަނެއްކާ ވެސް ހަމަލާދޭން މަސައްކަތްކޮށްފިއެވެ.
މީގެ ކުރިން ވެސް ހަމަލާދީ ކިރިޔާ ފުރާނަ ސަލާމަތްވި ޓުރަމްޕަށް މިފަހަރު ހަމަލާ ދޭން މަސައްކަތްކުރީ އެމެރިކާގެ ގަލްފް ކޯސްޓް ސަރަހައްދުގައި އިއްޔެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ޓްރަމްޕަށް މިފަހަރު ބަޑިން ހަމަލާދޭން މަސައްކަތްކޮށްފައިވަނީ އޭނާ ގަލްފް ކޯސްޓް ސަރަހައްދުގައި ހުންނަވަނިކޮށެވެ. ނަމަވެސް، ހަމަލާ އަމާޒުވުމުގެ ކުރިން ސީކްރެޓް ސަރވިސްގެ އޭޖެންޓަކު ވަނީ އޭކޭ-47 ބަޑިއެއް ހިފައިގެން އުޅުނު މީހާގެ ގަޔަށް ބަޑި ޖަހާ އެމީހާ ހުއްޓުވާފައެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރިޔާސީ ކެނޑިޑޭޓް ޓްރަމްޕުގެ އިތުރުން އޭނާގެ ސެކިއުރިޓީން ހިމާޔަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވަނީ ސީކްރެޓް ސަރވިސްގެ އެޖެންޓުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން، ޖުލައި 13 ގައި ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގައި ވެސް ޓްރަމްޕަށް ބަޑިން ހަމަލާ ދިނެވެ. އެ ހަމަލާގައި ޓްރަމްޕްގެ ކަންފަތް ކައިރި ވަނީ ޒަޚަމްވެފައެވެ.









