ޓްރީޓޮޕް ހޮސްޕިޓަލުން ނާސިން ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕްގެ ދަށުން ބީއެސްސީ (އޮންސް) ނާސިން އިންޓަނޭޝަނަލް ޓޮޕްއަޕް އަދި ޑިޕްލޮމާ އިން ނާސިންގ ދާއިރާއިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިންޓޭކަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މި ސްކޮލަޝިޕަށް އެޕްލިކޭޝަން ހުށަހެޅޭނީ ހަމައެކަނި ނާސިން ކިޔަވާ ދިވެހި ދަރިވަރުންނަށެވެ. އަދި ހުށަހަޅާ އެޕްލިކޭޝަނަކީ ރަނގަޅު އެޑްމިޝަނެއް ކަމުގައި ވާންޖެހޭނެ ކަމަށާއި، ވިލާ ކޮލެޖުގެ އެޕްރޫވަލް ލިބި އެ ކޮލެޖުގެ ޕްރޮގްރާމުގައި ރަޖިސްޓްރީވެފައިވާ އެޕްލިކޭޝަނެއް ކަމުގައި ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް މި ފުރުސަތަށް ކުރިމަތިލެވޭނެއެވެ. ނަމަވެސް، އެޕްލިކޭޝަން ހުށަހަޅާ ދަރިވަރަކީ އެހެން ތަނަކުން ސްކޮލަޝިޕް ހޯދާފައިވާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
މި ސްކޮލަޝިޕަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަސް ކަމަށާ، އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ education@treetophospital.com މެއިލް މެދުވެރިކޮށް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.





