ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ސިކުނޑިއާއި މައިބަދަ އަދި ނާރުތަކުގެ ނިޒާމަށް ޖެހޭ ބަލިތަކަށް ހާއްސަ ނިއުރޯސަރޖަރީ ކޮންސަލްޓޭޝަންގެ ހިދުމަތް މާލޭގައި ހުންނަ "ޓީޓީއެޗް ކްލިނިކް މާލެ" ގައި ރަސްމީކޮށް ދޭން ފަށައިފިއެވެ.
މި ހިދުމަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާނީ ސިކުނޑިއާއި މައިބަދައިގެ އޮޕަރޭޝަންތަކަށް ހާއްސަ ކޮންސަލްޓަންޓް ސުޕަރ ސްޕެޝަލިސްޓް ނިއުރޯސަރޖަން ޑޮކްޓަރު އަލީ އާފީއެވެ. ޑރ. އާފީގެ ހާއްސަ ދާއިރާތަކުގެ ތެރޭގައި މައިބަދައިގެ އޮޕަރޭޝަންތަކާއި، ނިއުރޯޓްރައުމާ، ސިކުނޑީގެ ނާރުތަކާ ގުޅޭ އޮޕަރޭޝަންތައް (ސެރެބްރޯވަސްކިއުލަރ ނިއުރޯސަރޖަރީ) އަދި ސިކުނޑިއާއި މައިބަދައިގައި އުފެދޭ ޓިއުމަރުތަކުގެ އޮޕަރޭޝަންތައް ހިމެނެއެވެ.
މި ހިދުމަތުގެ ދަށުން، މައިބަދައިގެ ނާރު ފިތުމާއި ޑިސްކު މައްސަލަތައް، ނާރުގެ މައްސަލަތަކާ ގުޅިގެން އުފެދޭ ބުރަކަށީގެ ތަދު، ސިކުނޑީގައި ފެންހެދުން، ސިކުނޑިއާއި މައިބަދައިގެ ޓިއުމަރު، ބޮލަށާއި މައިބަދައަށް ލިބޭ އަނިޔާތައް އަދި ނާރުގެ ނިޒާމުގެ އެހެނިހެން ބަލިތަކަށް މާލޭގައި ހުންނަ ކްލިނިކުން ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ބަލިމީހުންނަށް ލިބިގެންދާނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި، މާލޭގައި ނިއުރޯސަރޖަރީގެ ކޮންސަލްޓޭޝަން ހިދުމަތް ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުމާލެއަށް ދާންނުޖެހި، މާލޭގައި ތިބެގެން ފަރުވާގެ ކަންކަން ފަސޭހަކަމާއެކު ރޭވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މިއީ އެ ހޮސްޕިޓަލުން ދެމުންގެންދާ ނިއުރޯސަރޖަރީ ހިދުމަތްތައް އިތުރަށް ފުޅާވެގެންދިޔަ މުހިންމު ފިޔަވަޅެކެވެ.





