ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން 81،030 އެމެރިކާ ޑޮލަރާއެކު ހައްޔަރުކުރެވުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހްމީން އިސްލާމް ޝަގްރު (32 އަހަރު) އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މިދިޔަ އޯގަސްޓު 25 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރަން އުޅެނިކޮށް ހައްޔަރުކުރެވުނު ޝަހްމީން، ފުރަތަމަ 15 ދުވަހަށް ބަންދުކުރެވުނެވެ.
އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެގެ މުއްދަތު މަޖިލީހުގައި ވަަނީ ނިންމާފައެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ތުހުމަތުކުރެވޭ މީހާގެ މައްޗަށް ދަޢުވާ އުފުލިފައި ނުވާނަމަ، ފުރަތަމަ ބަންދުކުރެވުނު މުއްދަތު ހަމަވުމުން އެ މީހަކު ދޫކޮށްލަންޖެހެއެވެ. ނަމަވެސް، މި މައްސަލައިގައި ތަޙްޤީޤު ނިމި ދަޢުވާ އުފުލިފައި ނުވާތީ، ހަމަ އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާާފައިވެއެވެ.
މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ، ޝަހްމީންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ދަޢުވާ އުފުލާނެ ކަމަށެވެ. މި ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މިފަދަ ކުށަކަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއެކު ޖޫރިމަނާކުރެވިދާނެއެވެ.
ތަޙްޤީޤު މަރުޙަލާ ކުރިއަށްދާއިރު، ޝަހްމީން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކެއް ހުރިކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ ތެރޭގައި ހެކި ނައްތާލުމުގެ ފުރުޞަތު އޮތުމާއި، ފިލައިގެން ދިއުމުގެ ފުރުޞަތު އޮތުން ހިމެނެއެވެ.









