ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ގެނައުމަށް ހުރި ގޮންޖެހުންތަކަށް އެމެރިކާގެ އެހީގައި ހައްލު ލިބޭނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގައި އެމެރިކާ އެމްބަސީ ޤާއިމްވިތާ އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމެރިކާގެ އެމްބަސީ ރާއްޖޭގައި ޤާއިމްވެ ފުރަތަމަ ފަހަރަށް އެމެރިކާއިން ރާއްޖެއަށް ސަފީރެއް ކަނޑައެޅީ މިދިޔަ އަހަރުގައެވެ. އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަކީ ހޫގޯ ޔޫ-ހޯ ޔޮންއެވެ. މި ހަފްލާގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބަދަހިވެ އެކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ޖުލައި މަހު އެމެރިކާއާއި ރާއްޖެއާއި ދެމެދު 3 ވަނަ ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯކް އެގްރިމެންޓްގެ މަޝްވަރާތައް ކުރިއަށްދިޔަޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، "އެމެރިކާ ރާއްޖެ ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބެން އޮތް އެންމެ ބޮޑު ކުރިއެރުމަކީ ޕޭޕަލްގެ ޚިދުމަތް. އަޅުގަނޑުމެން މިއީ ކުޑަ މާކެޓެއް ނަމަވެސް އެމެރިކާގެ އެހީގައި ހުރި ގޮންޖެހުންތައް ނައްތާލާ ޚިދުމަތް ލިބެން ފެށުމުން އޭގެ ފައިދާ އަޅުގަނޑުމެންގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ކުރާނެ" ކަމަށެވެ. މީގެއިތުރުން، ވަޒީރު ވަނީ ލަންކާއަށް ނުގޮސް ރާއްޖާއްޖެއިން ވީޒާގެ ކަންކަން ހަމަޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ވިދާޅުވީ އެމެރިކާ އާއި ރާއްޖޭގެ ގުޅުން ބިނާވަނީ ޑިމޮކްރަސީ އާއި މިނިވަންކަމާއި ސިޔާދަތީ ބާރުގެ މައްޗަށް ކަމަށެވެ. އަދި ދެމެހެއްޓެނިވި އިޤްތިޞާދެއް އޮވެ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ވިލުންވެރިކަން އިތުރުކުރުމަކީވެސް މި ގުޅުމުގެ އަސާސެއް ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރުގެ ވާހަކައިގައި، އެމެރިކާ އާއި ރާއްޖޭގެ ގުޅުމުގެ ތެރެއިން ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ މުޅި ދުނިޔޭގެ ވިޔަފާރިއަށްވެސް މުހިންމު ސަރަހައްދަކަށްވާއިރު، ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ސަފީރު ހޫގޯ ޔޮން ވަނީ ވިދާޅުވެފައެވެ.
މި ހަފްލާގައި ފާހަގަކުރެވުނު މުހިންމު ނުކުތާތަކުގެ ތެރޭގައި، ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ކުރިއަށްދާކަމާއި، އެމެރިކާގެ އެހީތެރިކަމާއެކު މިކަމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދޭނެކަމުގެ އުންމީދު ޚާރިޖީ ވަޒީރު ފާޅުކުރެއްވިކަން ހިމެނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި އެހެނިހެން ދާއިރާތަކުން އެއްބާރުލުން އިތުރުވަމުންދާކަންވެސް ފާހަގަކުރެވުނެވެ.









